ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގެ ފޯރި އިންތިހާއަށް ގަދައެވެ. ރޭ ސްޕެއިންއާއި ސްވިޒަލޭންޑް ކުޅުނު މެޗުވެސް ފޯރިގަދައެވެ. އެ ދެޓީމުވެސް ކުއާޓާ ފައިނަލަށް ދިޔައީ ގަދަ 16 ގައިވެސް ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހުގައެވެ. ގޯލުތައް ގިނަކޮށް ފެނުނު ދެ މެޗަށް ފަހުގައެވެ. ސްވިޒަލޭންޑުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ކުއާޓާއަށް ދިޔަ އިރު، ސްޕެއިން ދިޔައީ އަށް ގޯލު ފެނުނު މެޗެއްގައި ކްރޮއޭޝިއާ ބަލިކޮށްފައެވެ.

ސްވިޒަލޭންޑުން ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ޖެހި ޕެނަލްޓީ މަތަކޮށް ޔާން ސޮމާ ރޭގެ މެޗަށްވެސް ނުކުތީ އުންމީދާ އެކުގައެވެ. އަނެއްކޮޅުން ސްޕެއިންގެ ކީޕަރު އުނައި ސިމޮންއަށް ޖެހުނީ "މިސްޓޭކް"އެއް ހަނދާން ނައްތާލާށެވެ. ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރޮއޭޝިއާ ޖެހި ފުރަތަމަ ގޯލަކީ ސިމޮން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސްޕެއިންގެ މެދުތެރެއިން، މެދު ރޮނގު ކައިރިން ޕެޑްރީ ފަހަތަށް ޖައްސާލި ޕާސް ސިމޮން އަތުން ބައިކޮޅަށް ވަނީ ރަނގަޅަށް ކޮންޓްރޯލްނުވެ، ފައިގައި ޖެހި މިސް ޕްލޭސް ވެގެންނެވެ. އެފަދަ ގޯހެއް ހެދުންވީ ސިމޮންއަށް ބޮޑު ޕްރެޝަރަކަށެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ސްޕެއިންގެ ފުރަތަމަ 11 އަށް ނުކުމެ ހުރީ ގައުމީ ޓީމުގެ ތަޖުރިބާ ބޮޑު ޑޭވިޑް ޑެހެއާ ބެންޗު ކޮށްފައެވެ.

ރޭގެ މެޗަށްވެސް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ އިތުބާރާއެކު ނެރުނީ ސިމޮންއެވެ. ބޮޑު މުބާރާތެއްގެ ފުރަތަމަ ތަޖުރިބާގައި ސިމޮން ހުރި ނަމަވެސް އޭނާ 'ގޯސް' މަތިން ހަނދާން ނައްތާލިލެއް ވަރަށް ފުރިހަމައެވެ. ރޭގެ މެޗުން ސްޕެއިން މޮޅު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ސިމޮން ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރު ޕެނަލްޓީ ޝޫޓް އައުޓަކަށް ދިޔައިރު، ފަބިއަން ޝާ ޖެހި ޕެނަލްޓީއާއި އަކާންޖީގެ ޕެނަލްޓީ ދިފާއުކޮށް، ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިންއަށް ހިތްވަރު އާކޮށްދިނީ ކީޕަރު ސިމޮންއެވެ.

އެތުލެޓިކޯ ބިލްބާއޯއާއެކު ނަތީޖާ ރަނގަޅު ސީޒަނެއް ނިންމާލުމަށްފަހު ގައުމީ ޓީމާއެކު ޔޫރޯއަށް ދިޔަ އުމުރުން 24 އަހަރު ސިމޮންއަށް ރޭގެ މެޗުވީ ބޮޑު އިމްތިހާނަކަށް ނަމަވެސް އޭނާ އެކަމަށް ޖަވާބުދިނީ ކޯޗުގެވެސް އިތުބާރާ އެކުގައެވެ. އެންރީކޭ ވަނީ ސިމޮންގެ މިސްޓޭކް، ކްރޮއޭޝިއާ މެޗަށްފަހުވެސް ދިފާއު ކޮށްފައެވެ.

"މިއީ ކްރޮއޭޝިއާ މެޗުގެ ގޯސް ހަނދާން ނައްތާލިހެން މި މޮޅުވެސް ހަނދާން ނައްތާލައި އަނެއްކާވެސް ދެން އޮތް މެޗަށް ތައްޔާރުވާން ވީ ވަގުތު. ސެމީ ފައިނަލަށް ދާން ޖެހޭނީ ފްރެޝް ވިސްނުމަކުން ވިސްނައި، ހިތްވަރާއެކު. މިހާ ހިސާބުން ޔޫރޯ ކާމިޔާބުކުރަން ސްޕެއިންއަށް ޖެހޭނެ. ހަގީގަތަށް ބުނަންޏާ މިރޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އަހަރެން ދޭން ބޭނުން ވަނީ ސްވިޒަލޭންޑް ގޯލްކީޕަރު ސޮމާއަށް،" ސްޕެއިންއަށް މިހާތަނަށް 12 މެޗު ކުޅެދީފައިވާ ސިމޮން މެޗަށްފަހު ބުންޏެވެ. އޭނާގެ ތައުރީފު އަމާޒުކުރީ ރޭގެ މެޗުން އެތައް ބައެއްގެ ލޯބި ހޯދި ސޮމާއަށެވެ.

ސްޕެއިންގެ ހީރޯ ސިމޮންއަށް ކޯޗު އެންރީކޭގެ ތައުރީފުވެސް ވަރަށް ބޮޑަށް އަމާޒުވެގެން ދިޔަ އިރު، ދުނިޔޭގެ އެތައް ބައެއްގެ ލޯބި ރޭގެ މެޗުން ހޯދި ކުޅުންތެރިޔަކީ މެޗުގައި 10 ސޭވްކޮށް، ސްވިޒަލޭންޑް ޕެނަލްޓީއާ ހަމައަށް ގެންގޮސްދިން ސޮމާއެވެ. ސްޕެއިންގެ ރޮޑްރީ ޖެހި ޕެނަލްޓީވެސް ސޮމާ ދިފާއުކުރި އިރު، ރަތް ކާޑަކާއެކު ކުޅެމުންދިޔަ ސްވިޒަލޭންޑް ބަލިވިޔަ ނުދީ ހިފެހެއްޓީ ސޮމާއޭ ބުނެވުމުގެ ޖާގަ އެބައޮތެވެ. އޭނާގެ ފަރާތުން ހައިރާން ކުރުވަނިވި ސޭވްތަކެއް ފެނިގެން ދިޔައެވެ.

ފަހުވަގުތު މޮރޭނޯ ފޮނުވާލި ހަމަލާއާއި އިތުރު ވަގުތުގައި އޮލްމޯ ފޮނުވާލި ދެ ހަމަލާގެ އިތުރުން ޕެނަލްޓީ އޭރިއާ ތެރެއިން އޮޔާޒަބަލް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީވެސް ސްވިޒަލެންޑްގެ ކީޕަރު ސޮމާއެވެ. އެއީ މެޗުގެ ނަތީޖާ ހިފެހެއްޓުމަށް ސްވިޒަލޭންޑަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އެކަމަށް މުޅި ދުނިޔެ ދިޔައީ ތައުރީފު ކުރަމުންނެވެ. ހާއްސަކޮށް ކީޕަރުންގެ ލޯތައް ވަރަށް ބޮޑަށް ސޮމާއަށް ހުއްޓުނެވެ.

މެޗުގެ ނަތީޖާއާއެކު އެންމެ ބޮޑަށް މާޔޫސްވީ ވެސް ހަމަ ސޮމާއެވެ. އޭނާ ބިންމައްޗަށް ތިރިވެ ރުއި މަންޒަރު ވެގެން ދިޔައީ މުބާރާތުގައި ފެނުނު އެންމެ ހިތްދަތި އެއް މަންޒަރަށެވެ. ބުރަކޮށް މަސައްކަތްކޮށް، މޮޅުވާން ކުރެވުނު ހުރިހާ ކަމެއް ސޮމާގެ ފަރާތުން ފެނިގެން ދިޔަ އިރު، މިއީ ސްވިޒަލޭންޑަށް ގޯސް މުބާރާތެއް ނޫނެވެ. އެޓީމުގެ ހިތްވަރަށް ސާބަސް ދޭން ޖެހެއެވެ. ވަރުގަދަ ބޮޑެތި ޓީމުތަކާ ދެކޮޅަށް ދެއްކި ހިތްވަރު ފާހަގަކޮށްލަން ޖެހެއެވެ.

ސިމޮންއާއި ސްޕެއިންއަށް ދެން އޮތީ އިޓަލީ ބަލިކުރުމެވެ. އެއީ ގޯލްކީޕަރުން މުހިއްމު ވާނެވެސް މެޗެވެ. އިޓަލީން ކުއާޓާގައި ބެލްޖިއަމް ބަލިކުރި އިރު، އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާވެސް ވަނީ މޮޅެތި ސޭވްތަކެއް ކޮށްފައެވެ. އެ މެޗަށް އިންތިޒާރުކުރާ ގިނަ ބަޔަކު ތިބޭނެކަން ޔަގީނެވެ.