ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން އައްޑޫ ސީޓީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މަފްތޫހު ސައީދު ބަންދުން ދޫކޮށްލި ދުވަހު، ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ފުލުހުންނާއި ސިފައިން އައްޑޫގައި ހިންގި އޮޕަރޭޝަންގައި ގއ. ކޮލަމާފުށި/ ވިކްޓްރީ, މަފްތޫހު ސައީދު ހިމެނޭ ގޮތަށް ނުވަ މީހަކު ހައްޔަރުކުރިއެވެ.

މަފްތޫހު ހައްޔަރު ކުރީ ވަކި ޖަމާއަތެއްގެ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށް ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުން ދީފާނެ ކަމަށް ތުހުމަތު ކުރެވިގެންނެވެ.

މެއި 30 ވަނަ ދުވަހު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން މަފްތޫހާއެކު އިތުރު ހަތަރު މީހުން ވަނީ ދޫކޮށްލައިފައެވެ. އެމީހުން ދޫކޮށްލީ އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅާފައި ނުވާތީ ކަމަށް ބުނެއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ އެ ފަސް މީހުން އަލުން ހައްޔަރުކުރުމަށް އަމުރުކޮށްފައެވެ.

މަފްތޫހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ވަނީ މަފްތޫހު ބަންދުކުރުމަށް ހައިކޯޓުން ނެރެފައިވާ އަމުރު ބާތިލުކޮށްފައެވެ. ނަމަވެސް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ފިޔަވައި މަފްތޫހުގެ މައްޗަށް ތަހުގީގުގައި އެހެނިހެން ހެކި ލިބިފައިވާނަމަ އެ ހެކިތަކަށް ރިއާޔަތްކޮށް، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަންޖެހޭ ކަމަށް ފުލުހުންނަށް ފެންނަ ނަމަ، އެ މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ކުރި ހުކުމުގައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ އެއްވަނަ ދުވަހު މަފްތޫހު އަނެއްކާވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް އެދުވަހު 14 ދުވަސް ޖަހާފައިވާ ކަމަށް ވިދާޅުވިއެވެ.