ހަނގުރާމައިގެ ތެރޭގައި އެތައް ދުވަހެއް ހޭދަކޮށް، ކޮވިޑް 19ގެ ރާޅުތަކާއެކު ގައުމު އޮތީ މާޔޫސްކަމުގެ ތެރޭގައެވެ. ހަތް އަހަރުގެ ދުވަހުގެ ހަނގުރާމައިގެ ހިތްދަތިކަމުން އަރައިނުގަނެވި އުޅެނިކޮށް ކޮވިޑް ފެތުރިގެން ޔޫކުރެއިން އަނދަވަޅަކަށް ވެއްޓިގެން ދިޔައެވެ. ވެކްސިން ޖެހޭ މިންވަރުވެސް ދަށްކޮށް އެގައުމުގައި ދިޔަ އިރު، ހަނގުރާމައިގެ ތެރެއިން އަދިވެސް އަރައި ނުގަނެވެއެވެ. ދޭތެރެ ދޭތެރެއިން މަޝްރަހު ހަލަބޮލިވެ އުނދަގޫތައް ކުރިމަތިވަމުން ދެއެވެ.
ޔޫކްރެއިން އޮތީ ހިނިތުންވުމަކަށް އެދިއެދިއެވެ. އެ ހިނިތުންވުން މުޅި ގައުމަށް ގެނެސްދިނީ ޔޫރޯ 2020 ގެ ކުއާޓާ ފައިނަލަށް ޓީމު ދިއުމާ އެކުގައެވެ. އެއީ ގައުމުގެ ކުރިމަގަށް އެޅުނު ހެޔޮ ފާލަކަށް ވެއްޖެއެވެ. މުޅި ޔޫކްރެއިންގެ އިހުސާސްތައްް ތަފާތު ކޮށްލައިފިއެވެ. މޮޅިވެރިކަމާއި މާޔޫސްކަން ބަދަލުވެގެންދާ މަންޒަރު ފެންނަކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.
"ކުއާޓާ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗު އަހަރެމެން ބޮޑު ސްކްރީނުގައި އަޅުވަން ތައްޔާރުކޮށް ޓިކެޓް ވިއްކަން ފެށިއިރަށް ހުސްވެއްޖެ. ޖާޒީގައި އުޅޭ މީހުން މަގުތަކުގައި އިންތިހާއަށް ގިނަ. މުޅި ގައުމުގައި ގައުމިއްޔަތުގެ އިހުސާސް ވަރަށް ބޮޑަށް އެބަފެނޭ. މިއީ ފުޓުބޯޅައިން ޔޫކްރެއިނަށް ގެނެސްދިން އީދެއް،" ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ އުޒްހުރޫދަށް ނިސްބަތްވާ ލަޑީސްލޭވް އޮވަރުޗެންކޯ ބުނެފައިވެއެވެ.
އޮވަރުޗެންކޯއަކީ ހަނގުރާމައިގެ ސަބަބުން ޖަލުގައި އޮންނަން ޖެހުނު މީހެއް ނަމަވެސް މިހާރު އޭނާ މަސައްކަތްކުރަމުން ދަނީ ޔޫކްރެއިންގެ އެފްއޭގައެވެ. އޭނާއަށްވެސް މިއީ ތަފާތު އިހުސާސެކެވެ. މުޅި ގައުމު އެއް ކަމަކަށް އެކުވުން އެއީ އެގައުމުން ހުވަފެނުގައިވެސް ނުދެކޭ ފަދަ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ސްވިޑެންއާ ދެކޮޅަށް ޔޫކްރެއިން ކުޅުނު މެޗަށްފަހު ދެން އޮތް ކެބިނެޓް މީޓިންއަށް ގައުމުގެ ހުރިހާ މިނިސްޓަރުން ވަޑައިގަތީ ޔޫކްރެއިން ޖާޒީގައެވެ. އެވެސް ޔޫރޯއަށް ފުރަތަމަ އެގައުމުން ރިލީސްކުރި ޖާޒީގައެވެ. އެ ޖާޒީގައި ޖަހާފައިވާ މިލިޓަރީ ސްލޮގަންއެއް ކަމަށްވާ "ގްލޯރީ ޓު ހީރޯސް" ގެ ސަބަބުން ރަޝިއާއިން ޔޫއެފާއަށް މައްސަލަ ޖައްސައި، އެ ސްލޮގަން ޔޫރޯ 2020 ބޭނުން ނުކުރަން ޔޫކުރެއިނަށް ވަނީ އަންގައިފައެވެ.
އެ ސްލޮގަންއަކީ ޔޫކުރެއިންގެ ގައުމިއްޔަތު ވަރަށް ބޮޑަށް ދައްކުވައިދޭ ސްލޮގަންއަކަށްވާ އިރު، އެގަމުގައި އާންމު ސަޕޯޓަރުން ބޭނުންކުރަނީ އެ ސްލޮގަން ޖެހި ޖާޒީއެވެ. އެއީ ތަފާތެއްގެ އިހުސާސު އެންމެ ބޮޑަށް ގެނުވާ "ފެކްޓާ" އަށްވެސް ވުން ގާތެވެ.
ސިޔާސީ މައިދާނުގައި ނާކާމިޔާބުވި ނަމަވެސް ފުޓުބޯޅައިގައި އެގައުމު ނުދެކޭނެ ފަދަ ވަރުގަދަ ލީޑަރެއް ކަމަށްވާ އަންދްރޭ ޝެވްޗެންކޯ އަކީ މިހާރުވެސް ގައުމުގެ ހީރޯއެކެވެ. 2004 ވަނަ އަހަރު ބެލޮންޑިއޯ ހޯދި، އޭސީ މިލާންގެ ކުރީގެ ފޯވަޑް ޝެވްޗެންކޯއަށް ޓީމާއެކު ޔޫރޯ ކުއާޓާ ކުޅެވުމަކީ އޭނާއަށް ތަފާތު އިހުސާސެއް ގެނުވާނެ ކަމެއްކަން ޔަގީނެވެ. ހާއްސަކޮށް އުނދަގޫ ހާލަތްތަކެއްގެ ތެރެއިން ގޮސް، ޔޫކްރެއިންގެ ހިތްވަރު ހޯދުމުގައި އޭނާގެ ދައުރު ބޮޑެވެ.
ޕެންޑަމިކްގެ ހާލަތު ޔޫކްރެއިން ޓީމަށްވެސް ވަރަށް ބޮޑަށް ކުރިއެވެ. އުމުރުން 48 އަހަރުގެ ޓީމް ޑޮކްޓަރު އެންޓޮން ހުދައޭވް ކޮވިޑް ޖެހިގެން މިދިޔަ އަހަރު ޖުލައި މަހު މަރުވެފައިވާ އިރު، ނޭޝަންސް ލީގުގައި ސްވިޒަލޭންޑާ ދެކޮޅަށް ޔޫކްރެއިން ކުޅެން އޮތް މެޗު އެޓީމަށް ގެއްލުނީ ޓީމު އެއްކޮށް ކަރަންޓީނު ވާން ޖެހިގެންނެވެ. މެޗުގެ ކުރިން އެފަހަރު ހެދި ޓެސްޓުގައި ދިހަ ކުޅުންތެރިޔަކު ޕޮޒިޓިވްވި ނަމަވެސް އަނބުރާ ގައުމަށް ގޮސް ހެދި ޓެސްޓުތަކުން ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.
އެ ހާލަތްތަކުގެ ތެރެއިން ހިތްވަރު ގަދަ ޓީމެއް ބިނާކޮށް ޝެވްކެންޗޯ މިރޭ އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ އަމިއްލަ ގައުމެއްގެ އިހުސާސް އޭނާއަށް ކުރެވޭ އިޓަލީގެ ރޯމްގައެވެ. ކްލަބު ކެރިއަރުގައި 1996 ވަނަ އަހަރުން 2006 ވަނަ އަހަރަށް އޭސީ މިލާންގައި ޝެވްޗެންކޯ ހޭދަކޮށްފައިވާ އިރު، އޭނާ ވަނީ އެ ކްލަބާއެކު ޔޫރަޕްގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ. އެ ހުރިހާ ކާމިޔާބީތަކާއެކު ޝެވްޗެންކޯއަކީ ރޯމްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. އިންގްލެންޑްގެ ޗެލްސީއަށް ގޮސް އޭނާއަށް އެކަށޭނެ ކުޅުމެއް ނުދެއްކުނު ނަމަވެސް ރޯމުން އޭނާ ބަލައިގަންނާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
"އިޓަލީއަކީ ވަރަށް ގިނަ ހަނދާންތަކާ ގުޅިފައިވާ ގައުމެއް. އަހަންނަށް ޔަގީން އިޓަލީގެ ސަޕޯޓަރުން ޔޫކްރެއިނަށް ސަޕޯޓުކުރާނެކަން. އެއީ އަހަރެން ވަރަށް ބޮޑަށް އެދޭނެވެސް ގޮތެއް. އިންގްލެންޑަކީ މުޅި ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ފުޓުބޯޅަ ގައުމު، އެޓީމު ބަލިކުރަން ޓީމުގެ ފޯކަސް 100 ޕަސެންޓްގައި ބަހައްޓަން ބޭނުންވާނެ،" މެޗުގެ ކުރިން ޝެވްޗެންކޯ ބުނެފައިވެއެވެ.
ޔޫކްރެއިންގެ އެންމެ ބޮޑު ހިތްވަރަކީ ރޫހެވެ. ބަލިނުވުމަށް އެޓީމުން ކުރާ މަސައްކަތެވެ. މުޅި ގައުމުގެ ހިނިތުންވުމުގެ ޒިންމާއާއެކު ކުޅެމުންދާ ޔޫކްރެއިނަށް މިރޭގެ މެޗު މުހިއްމުވަނީވެސް ގައުމަށްޓަކައެވެ. އަނެއްކޮޅުން އިންގްލެންޑް އޮންނާނީ ޔޫރޯގެ ތަށްޓައް ފެންބޮވައި ގެންފައެވެ. އެހެންކަމުން މެޗު ފަސޭހައެއް ނުވާނެއެވެ. މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ. މެޗަށް ދެޓީމު ނުކުންނާނީ އިޓަލީގެ އޮލިމްޕިކް ސްޓޭޑިއަމްއަށެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020