ޚަބަރު

ހަންޏާމީދޫ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ފަށައިފި

ރިފާ ހަލީލު

އދ. ހަންޏާމީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން ބުނީ ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތް ފަށައި ދޯނި އެހެލާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 6،363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 204 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 266 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.

އޭގެ އިތުރަށް 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 1،330 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ.

ޖުމުލަ 32.2 މިލިއަން ރުފިޔާގެ މި މަޝްރޫއު، ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ ޑިސެމްބަރު 29، 2019ގައެވެ.