ހދ. ހަނިމާދޫއަށް ޖައްސަން ދިޔަ މޯލްޑިވިއަންގެ ފްލައިޓަކަށް އެރަށުގައި ތިބި އިންޑިއާ ސިފައިން ޖާގަ ނުދީގެން ނުޖެއްސި ލަސްތަކެއްވި ކަމަށް ބުނެ ޗެނަލް13 އިން ގެނެސްދިން ރިޕޯޓެއް މޯލްޑިވިއަނުން ދޮގުކޮށްފިއެވެ.

"ޗެނަލް 13" އިން ގެނެސްދިން ހަބަރެއްގައި ބުނެފައި ވަނީ ހަނިމާދޫ އެއާޕޯޓަށް ޖައްސަން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް އިންޑިއާ ސިފައިން ހުއްދަ ނުދީގެން ރަންވޭއަށް ފްލައިޓް ޖެއްސުން 30 ވަރަކަށް މިނެޓު ލަސްވި ކަމަށެވެ.

މިކަން ދޮގުކޮށް މޯލްޑިވިއަނުން ބުނީ ޗެނަލް13 އިން ރިޕޯޓު ކޮށްފައިވަނީ ދޮގު ހަބަރެއް ކަމަށާއި އެދުވަހު މޯލްޑިވިއަންގެ ބޯޓުތައް ޝެޑިއުލްއާ އެއް ގޮތަށް އޮޕަރޭޓް ކޮށްފައިވާ ކަމަށެވެ.

ހަނިމާދޫގައި ބައެއް އިންޑިއާ ސިފައިން ގާއިމުވެ ތިބެއެވެ. ނަމަވެސް އެ ސިފައިންގެ އަދަދު ދިވެހި ސަރުކާރުން ހާމައެއް ނުކުރެއެވެ.

ޗެނަލް 13 އިން މިފަދަ ހަބަރެއް ގެނެސްދީފައިވާ އިރު، ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތް ކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ހިލާފު ހަބަރުތައް ރާއްޖޭގެ ބައެއް ނޫސްތަކުގައި މިފަހަކަށް އައިސް ތަކުރާރުކޮށް ޝާއިއުކުރަމުންދާތީ އެކަން ނުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެފަދަ ހަބަރުތަކާ ގުޅިގެން ޗައިނާ އެމްބަސީއަށާއި އިންޑިއާ ހައި ކޮމިޝަނަށް އިންޒާރުތަކެއް ލިބެމުންދާތީ، އެ ދެ އިމާރާތުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.

https://twitter.com/MaldivianAero/status/1410998449860870150