ޔޫރޯ 2020ގެ ކުއާޓާ ފައިނަލުގައި ހިތްވަރާއެކު ކުޅެމުންދިޔަ ސްވިޒަލޭންޑް ބަލިކޮށް، ތިން ފަހަރުގެ ޗެމްޕިއަން ސްޕެއިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރަޝިއާގެ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހުނީ އިތުރު ވަގުތު ކުޅުމަށެވެ. އިތުރު ވަގުތުގައި ކުޅެ ނަތީޖާ ނުނެރުވުމުން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ސްޕެއިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މިރޭ ސްޕެއިންއާއި ސްވިޒަލޭންޑް ކުޅުނު މެޗަކީ ޔޫރޯ 2020 ގެ ފުރަތަމަ ކުއާޓާ ފައިނަލް މެޗެވެ. މިރޭގެ މެޗަށް ދެޓީމުންވެސް ނުކުތީ ގަދަ 16 ގައި ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހުގައެވެ. ސްޕެއިންއިން ގަދަ 16 ގައި ކުޅުނު ފޯރިގަދަ މެޗުގައި ކްރޮއޭޝިއާ ބަލިކޮށްފައިވާ އިރު، އެ މެޗުގައި އަށް ގޯލު ފެނުނެވެ. މެޗު އިތުރު ވަގުތަށް ގޮސް، ސްޕެއިންއިން މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ތިން ފަހަރު ޔޫރޯ ހޯދާފައިވާ ސްޕެއިންއިން ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އިރު، އެޓީމަކީ މިރޭގެ މެޗަށްވެސް ފެވަރިޓެވެ.
އަނެއްކޮޅުން ނުކުތް ސްވިޒަލޭންޑް ކުއާޓާއަށް ދިޔައީ ގަދަ 16 ގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފައެވެ. މެޗުން ސްވިޒަލޭންޑް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފަހު ވަގުތާ ހަމައަށްވެސް ސްވިޒަލޭންޑުން ދެއްކި ގަދަ ހިތްވަރަށް ގިނަ ބައެއްގެ ސަމާލުކަން އަމާޒުވެފައިވެއެވެ. ހާއްސަކޮށް ފަހު 10 ވަރަކަށް މިނެޓްގައި ފްރާންސް ކޮޅަށް ދެ ގޯލު ޖަހައި، ސްވިޒަލޭންޑުން 3-3 އަށް ނަތީޖާ ބަދަލުކޮށްލި ގޮތާއި، އިތުރު ވަގުތުގައި ފްރާންސް ހިފަހައްޓައި ޕެނަލްޓީން ކާމިޔާބު ހޯދުންވީ ފުޓުބޯޅަ ދުނިޔެ ހައިރާން ކޮށްލި ކަމަކަށެވެ.
މިރޭގެ މެޗަށް ނުކުތްއިރު ސްވިޒަލޭންޑަށް އޮތް އެންމެ ބޮޑު މާޔޫސް ކަމަކަށްވީ މި މުބާރާތުގައި އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދާ ގްރަނިޓް ޒަކާ ސަސްޕެންޝަނުގައި ހުރުމެވެ. އެތަން ފޫބައްދަން މެޗަށް ނުކުތީ ޑެނިސް ޒަކަރިއާއެވެ.
މެޗު ފެށިގެން ސްޕެއިންއިން ކޮންޓްރޯލް ހޯދިއެވެ. އެޓީމުގެ އަތް ދަށަށް ކުޅުން ގެނެސް ޕާސް ގިނަކޮށްލިއެވެ. އެހެންނަމަވެސް ސްވިޒަލޭންޑްގެ އެޓޭކިން ނުރައްކާ ވަކި ކުޑައެއް ނޫނެވެ. ހާއްސަކޮށް ކުރިއަށް ދެމިގަންނަ ކައުންޓާ އެޓޭކް ފުރުސަތުތަކުގައި ސްޓީވަން ޒޫބާއާއި ޒެރެދަން ޝެގީރީގެ ނުރައްކާ ވަރަށް ބޮޑަށް ފާހަގަވިއެވެ. ސްޕެއިންއިން ކުރިއަށް ޖެހި ހާފުގެ ފުރަތަމަ ކޮޅުގައި ލީޑުވެސް ނެގިއެވެ. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖޯޑީ އަލްބާ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޒަކަރިއާގެ ފައިގައި ޖެހި ބައިކޮޅަށެވެ.
ސްޕެއިންއިން ލީޑު ނަގައި ހަމަޖެހިލި ނަމަވެސް ސްޕެއިންގެ ޕާސިން ފުޓުބޯޅަ ހުއްޓުވަން ސްވިޒަލޭންޑުން ކާމިޔާބު މަސައްކަތްތަކެއް ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވެއެވެ. އެހެންނަމަވެސް ސްވިޒަލޭންޑަށް ފުރަތަމަ ހާފުގައި މަދުވީ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ހަމަލާއެކެވެ. އެޓީމަށް ފުރަތަމަ ހާފުގައި ސްޕެއިން ގޯލްކީޕަރު އުނައި ސިމޮން ޓެސްޓުކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފަށް ސްޕެއިންއިން ލީޑުގައި ނުކުތް ނަމަވެސް ސްވިޒަލޭންޑުން ކުޅުން ވަރުގަދަ ކުރިއެވެ. ހާއްސަކޮށް، ކޯނަރުތަކުން ސްވިޒަލެންޑް ފެނިގެން ދިޔައީ ނުރައްކާ ކޮށެވެ. ހާފުގެ ކުރީކޮޅުގައި ރުބެން ވާގަސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޒޫބާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު ސިމޮން މަތަކުރިއިރު، މެޗުގެ 68 ވަނަ މިނެޓުގައި ޝަގީރީ ވަނީ ސްވިޒަލޭންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ޝަގީރީ ގޯލު ޖެހީ، ރެމޯ ފްރެއުލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލައިގެންނެވެ. އެ ގޯލަށް ފުރުސަތު ފަހިވީ ސްޕެއިންގެ ފަހަތުން ހެދި ގޯހަކުންނެވެ. ޝަގީރީގެ އެ ގޯލަކީ ޔޫރޯ މުބާރާތްތަކުގައި އޭނާ ޖެހި ހަތަރުވަނަ ގޯލެވެ. ޝަގީރީއަކީ މިހާރު ސްވިޒަލޭންޑް ޖާޒީގައި އެންމެ ގިނަ ޔޫރޯ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ.
އެ ގޯލާއެކު ސްވިޒަލޭންޑުން ހިތްވަރު އާކުރި ނަމަވެސް އެޓީމުގެ ހިތްވަރު ބަލިކޮށްލީ ރަތް ކާޑަކާއެކު ކުޅުންތެރިޔަކު މަދުވުމުންނެވެ. ސްޕެއިންގެ ޖެރާޑް މޮރޭނޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ސްވިޒަލެންޑްގެ ފްރެއުލާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން ސްޕެއިންއަށް ބޮޑު ފުރުސަތެއް ލިބުނެވެ. އޭގެ ބޭނުން ހިފައި ފަހު 10 ވަރަކަށް މިނެޓުގައި ސްޕެއިންއިން ނުރައްކާވެސް ކުރިއެވެ. ގިނަ ހުރަސްތަކެއް ޖަހައިގެން ސްޕެއިން ކުޅުނުއިރު، މޮރޭނޯ ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑްގެ ކީޕަރު ސޮމާގެ އަތަށެވެ.
މެޗު އެއްވަރުވެ އިތުރު ވަގުތަށް ގޮސްފައިވާ އިރު، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސްޕެއިންއިން ދިޔައީ ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންނެވެ. ސްވިޒަލޭންޑުން ކުޅުންތެރިޔަކު މަދުކޮށް ކުޅުމުގެ ފައިދާ ނަގައި، ސްޕެއިންއިން އެޓޭކްތައް ކުރަމުންދިޔައެވެ. އަލްބާ ފޮނުވާލި ބާރު ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ މަތަކޮށްފައިވާ އިރު، އޭގެ ފަހުން ސްޕެއިން ފޯވަޑް މޮރޭނާ ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރު ސޮމާއެވެ.
އޭގެ ފަހުން އޮޔާޒަބަލް ފޮނުވާލި ހަމަލާވެސް މަތަކޮށް ބޭރުކޮށްލީ ސްވިޒަލެންޑް ކީޕަރު ސޮމާއެވެ. ގޯލެއް ޖެހުމަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔައެވެ. ހަމަލާއަކަށްފަހު ހަމަލާއެއް ބޭކާރު ކުރަމުން ދިޔައެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި އޮލްމޯއާއި މޮރޭނޯގެ ހަމަލާތައްވެސް ސްވިޒަލޭންޑްގެ މޮޅު ގޯލްކީޕަރު ސޮމާ މަތަކުރި އިރު، މިރޭގެ މެޗުވެސް ދިޔައީ ޕެނަލްޓީއަށެވެ.
ޕެނަލްޓީގައި ސްޕެއިން ކެޕްޓަން ސާޖިއޯ ބުސްކަޓްސް ޖެހި ފުރަތަމަ ޕެނަލްޓީވެސް ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު، އޭނާގެ އިތުރުން ސްވިޒަލޭންޑްގެ އަކާންޖީއާއި ޝާގެ ޕެނަލްޓީވެސް ވަނީ ނާކާމިޔާބު ވެފައެވެ. އޭގެ އިތުރުން ސްޕެއިންގެ ރޮޑްރީ ޕެނެލްޓީ ނާކާމިޔާބުވި އިރު، ސްވިޒަލޭންޑަށް މެޗު ގެއްލުނީ ވާގަސް ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.
ސްޕެއިން ސެމީގައި ވާދަކުރަން ޖެހޭނީ އިޓަލީއާއި ބެލްޖިއަމް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020