ޖަރުމަނުގެ ހުނަރުވެރި މިޑްފީލްޑަރު، ޓޯނީ ކްރޫސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފިއެވެ.

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 31 އަހަރުގެ މިޑްފީލްޑަރު ކްރޫސް މިއަދު އިއުލާން ކޮށްފައިވަނީ އޭނާ އެންމެ ފަހުން ޔޫރޯގެ ގަދަ 16 ގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަކީ ޖަރުމަނު ޖާޒީގައި ކުޅުނު ފަހު މެޗު ކަމަށެވެ. ގައުމީ ޓީމަށް 2010 ވަނަ އަހަރު ކުޅެން ފެށި ކްރޫސް ގައުމީ ކެރިއަރު ނިންމާލީ 106 މެޗު ކުޅުމަށްފަހުގައެވެ.

ކްރޫސްއަކީ ޖަރުމަނާއެކު 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިއެކެވެ. ފަހަކަށް އައިސް އެގައުމު ދުށް އެންމެ މޮޅު މިޑްފީލްޑަރުވެސް މެއެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލައި ކްރޫސް ދިން މެސެޖުގައި ބުނެފައިވަނީ މިހާރު ފޯކަސް ބަހައްޓަން ބޭނުންވަނީ ރެއާލް މެޑްރިޑަށް ކަމަށާއި އާއިލާއާއެކުވެސް ގިނަ ވަގުތުތަކެއް ހޭދަކުރަން ބޭނުންވާ ކަމަށެވެ.

އޭގެ އިތުރުން ކްރޫސް ބުނެފައި ވަނީ ގައުމީ ޖާޒީ ލުމަކީ އޭނާއަށް ލިބުނު ބޮޑު އުފަލެއް ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން ޖަރުމަނު ތަމްސީލު ކުރީ ފަހުރުވެރިކަމާ އެކުގައި ކަމަށެވެ. އަދި ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމާއެކު ކްރޫސް ވަނީ ކޯޗު ޔޮކިމް ލޯގެ ނަން ވަކިންވެސް ފާހަގަކޮށްފައެވެ.

"ޔޯގީ ލޯއަށް އަހަރެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. ގައުމީ ޓީމުގެ ކުޅުންތެރިއަކަށް އަހަރެން ހަދައި، ދުނިޔޭގެ ޗެމްޕިއަނަށް ވުމަށް ފުރުސަތު ހޯދައިދިނީ އޭނާ. ލޯ އަހަންނަށް އިތުބާރުކުރި. ކާމިޔާބު ދުވަސްތަކެއް އެކުގައި ހޭދަކުރެވުނު. އަދި ކުރިއަށް އޮތް ތަނުގައި ފްލިކްއާއެކު ޖަރުމަނު ކާމިޔާބު ވާނެ ކަމަށްވެސް އުންމީދު ކުރަން،" ކްރޫސް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.