ގަޟާ ގަދަރަށް އީމާންވާ މީހަކު ދަތި އުނދަގޫކަމެއް ދިމާވުމުން ބަލިކަށިވެގެންނެއް ނުދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ގަޟާ ގަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައި ކަމަށާއި ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑު އަޅައިގެންނެއް ނުދާނެ ކަމަށެވެ.
"ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެއެވެ. މިންވަރަށް އީމާންވުމުގެ ސަބަބުން އަޅާއަށް، ސުވަރުގެ ވަނުމަށް މަގު ފަހިވެގެންދާނެއެވެ. މާތްﷲ އާއި، އެކަލާނގެ ރަސޫލާ އަންގަވާފައިވާ ގޮތަށް އީމާންވެ، އަގީދާ ވަރުގަދަކޮށްފި މީހާގެ ހަށިގަނޑާއި ގުނަވަންތަކުން އެކަން ފާޅުވެގެންދާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ފެންނަ ތަކެއްޗާއި، ނުފެންނަ ތަކެތީގައި ވެސް މާތްﷲ ގެ ކުޅަދުންވަންތަކަމާއި، ދެނެވޮޑިގަތުން ޝާމިލުވާ ކަމަށާއި ވަންހަނާ ވެފައިވާ ކަންތައްތަކާއި، އަޅާގެ ހިތުގައި ހިނގާ ވަސްވާސްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވާ ކަމަށެވެ. އަދި ވެގޮސްފައިވާ ކަންތައްތަކާއި، ވަމުންދާ ކަންތައްތަކާއި، ވާނޭ ކަންތައްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"މާތްﷲ ގެ އިލްމުފުޅާ ލައިގެން މެނުވީ އެއްވެސް ކަމެއް ނުހިނގައެވެ. މާތްﷲ އީ ހުރިހާ ކަމެއް އައްސަވާ އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެކަން އަބަދުމެ ހަނދާންކުރުމަކީ، ނަފުސުތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމެކެވެ. ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތްﷲ ގެ އިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިއުތިގާދުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ މާޔޫސްވާކަށް ނުޖެހޭނެއެވެ. ފަހެ އީމާންކަން ހަރުދަނާވެ ތާޒާވުމަކީ، ހިތުގެ ސާބިތުކަން ވަރުގަދަވެ، ހަޔާތަށް އާރޯކަން ލިބި، އަމާންކަމާއި އުފާވެރިކަން ވެރިވެގެންދާ ކަމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ތިމާގެ ހިތުގައި މާތްﷲ ގެ އަދުލުވެރިކަމާ މެދު އެއްވެސް ޝައްކެއް އުފެދިގެން ނުވާނެ ކަމަށާއި އަދި ހަމަ އެފަދައިން އެކަލާނގެ ވަނީ އެކަލާނގެ ޒާތުފުޅަށް އަނިޔާވެރިވުން ހަރާމްކުރައްވާފައި ކަމަށެވެ. އަދި އެކަލާނގެ އަޅުތަކުންގެ މެދުގައި އެކަމަކީ ހަރާމް ކަމެއް ކަމުގައި ލައްވާފައިވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ