ސްވިޒަލޭންޑުން ގަދަ 16 ގައި ދުނިޔޭގެ ޗެމްޕިއަނުން ފްރާންސް ކަޓުވާލި ކަޓުވާލުން ވީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައިވެސް ތާރީހީ ކަމަކަށެވެ. ޕެނަލްޓީ ޖަހައިގެން ސްވިޒަލޭންޑުން ފްރާންސް ބަލިކޮށް، އެގައުމުން ފުރަތަމަ ފަހަރަށް ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާއިރު، އެއީ ތާރީހު ބަދަލުކޮށްލި މޮޅެކެވެ. އެ އުފާވެރިކަމުން އަދިވެސް ޓީމު އަރައިނުގަންނަ ކަމަށް މެޗުގެ ހީރޯ، ސްވިޒަލޭންޑްގެ ގޯލްކީޕަރު ޔާން ސޮމާ ބުނެފައިވެއެވެ.
"އެއީ ތާރީހީ މެޗެއް. ފުޓުބޯޅައިގެ ބޮޑު ރެއެއް،" ކިލިއަން އެމްބާޕޭގެ ޕެނަލްޓީ މަތަކޮށް، ފްރާންސް މާޔޫސް ކޮށްލި ގޯލްކީޕަރު ސޮމާ ފްރާންސް މެޗުގެ ހަނދާންތައް އާ ކުރިއެވެ. ސޮމާ ސިފަކޮށްފައި ވަނީ އެއީ ސްވިޒަލޭންޑްގެ ތާރީހުގައިވެސް އެންމެ ބޮޑު ރޭގެ ގޮތުގައެވެ. އަދިވެސް ސްވިޒަލޭންޑް ތިބީ އެ އުފާވެރިކަމުގައެވެ. އެ ހިތްވަރުގައެވެ.
"ދެން އޮތް ހަރުފަތަކީ އެންމެ މުހިއްމު ހަރުފަތް. އަހަރެމެންގެ ޓާގެޓް ހާސިލުވި ކަމަށް ނިންމާލައި މަޑު ޖެހެންވީ ވަގުތެއް ނެތް. ސްޕެއިންއަކީ މުބާރާތުގެ ފެވަރިޓެއް. ސްޕެއިންއާ ދެކޮޅަށް ނުކުންނައިރު މެޗުން މޮޅުވުމުގެ ރޫހު ނުދައްކައި މޮޅެއް ނުވާނެ. ޓީމުން އެކަން ދަންކާނެ ކަން އަހަންނަށް ޔަގީން. ޒަކާގެ ލީޑާޝިޕް މަދުވާނެ. އެކަމަކު މުޅި ޓީމުން އޭނާ ނެތްތަން ދައްކާނެ. ސްޕެއިން ބަލިކުރަން އުނދަގޫވާނެ. އެކަމަކު ޓީމު އެކުގައި ކުރާނީ ބުރަ މަސައްކަތެއް،" ސްވިޒަލޭންޑްގެ ކޯޗު ލަޑިމީރު ޕެޓްކޮވިޗް ބުނެފައިވެއެވެ.
ފްރާންސް ކައިރިން ސްވިޒަލޭންޑް މޮޅުވުވިއިރު އެޓީމުގެ އެންމެ މުހިއްމު ލީޑަރަކީ ގްރަނިޓް ޒަކާއެވެ. ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުގައި ސަސްޕެންޝަންގެ ސަބަބުން ޒަކާ އަކަށް ނުކުޅެވޭނެ އެވެ. މިހާތަނަށް ތިން ފަހަރު ސްޕެއިންއިން ޔޫރޯ ހޯދާފައިވާއިރު، 1964 ވަނަ އަހަރުގެ ޔޫރޯ އަމިއްލަ ގައުމުގައި ކާމިޔާބު ކުރުމުގެ އިތުރުން 1984 ވަނަ އަހަރު ޔޫރޯގެ ރަނަރަޕްކަން ސްޕެއިންއިން ހޯދިއެވެ. ސްޕެއިންގެ އިތުރު ކާމިޔާބީތައް ފެށުނީ 2000 ގެ އަހަރުތަކުގައެވެ. ސްޕެއިންގެ ކްލަބުތައް ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ކާމިޔާބީތަކާއެކު ސްޕެއިން ޓީމު ވަރުގަދަވި އެވެ. ނަތީޖާއެއްގެ ގޮތުން އެ ގައުމުން ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ވިދިވިދިގެން ކާމިޔާބު ކޮށްފައެވެ.
ސްޕެއިނުން ގަދަ 16 ގައި ކްރޮއޭޝިއާ ބަލިކޮށް ކުއާޓާއަށް ދިޔައީ ރަނގަޅު ފޯމެއްގައި، ވަރުގަދަ މެޗެއް ކުޅެފައެވެ. ގްރޫޕް ސްޓޭޖުގެ އެންމެ ފުރަތަމަ ކޮޅުގައި ސްޕޭނަށް އުނދަގޫތަކެއް ދިމާވި ނަމަވެސް އެޓީމުން ފަހުން ވަނީ ފޯމް ރަނގަޅުކޮށް، ގިނަ ގޯލްތަކެއް ޖަހައިފައެވެ.
"ވަރަށް އުނދަގޫ ކޮމްޕްލިކޭޓެޑް މެޗަކަށް މެޗު ވާނީ. ސްވިޒަލޭންޑަކީ ޓީމެއްގެ ގޮތުގައި ރަނގަޅަށް އެޓޭކް ކޮށް، ޑިފެންސް ކުރާ ޓީމެއް. ނޭޝަންސް ލީގުގައި ކުރިމަތި ވި ކަހަލަ އުނދަގޫ މެޗެއް ކުރިމަތިވާނެ ކަމަށް މި ވިސްނަނީ. މިއީ އުނދަގޫ މެޗަކަށް ވާނެ،" ސްޕެއިން ކޯޗު ލުއިސް އެންރީކޭ ބުނެފައިވެއެވެ.
ސްޕެއިން އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 21:00 ގައެވެ. މެޗު ކުޅޭނީ ރަޝިއާގެ ސެއިންޓް ޕީޓާސް ބާގު ސްޓޭޑިއަމްގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު