ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހަތްދިހަ އަހަރުގެ އެ މީހާ މަރުވެފައި ވަނީ މިއަދު މެންދުރު 1:55 ގައި ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

މިއީ ކޮވިޑުގައި މިއަދު މަރުވި ދެވަނަ މީހާ އެވެ. މިއަދު އެންމެ ފުރަތަމަ މަރުވީ ގއ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 81 އަހަރުގެ ދިވެހި އަންހެނެކެވެ.

މި ދެ މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 213 އަށް އަރައިފައެވެ. ކޮވިޑުގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 196 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.