"މަގޭ ހިޔާ"ގެ ނަމުގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ހާއްސަ ކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ފްލެޓް ލިބުނު މީހުންނަށް ހާއްސަކޮށްގެން ކަމަށެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން އަގުބޮޑެތި އިނާމުތައް ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފަ އެވެ. އެގޮތުން މި ޕްރޮމޯޝަނުގެ ތެރެއިން ހިޔާ ފްލެޓަށް ބޭނުންވާ މުދަލުގެ ތެރެއިން ކޮންމެ ފަސް ހާސް ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގައި 15 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަށް 20،000ރުފިޔާގެ ނަގުދު ފައިސާގެ އިނާމު، ދެވަނަ އަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ނަގުދު ފައިސާ އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ވައުޗާއެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް އެ ފްލެޓްތައް ދައްކާލުމުގެ ފުރުސަތު އެޗްޑީސީން ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުވާލައިފަ އެވެ. ފްލެޓްގެ ހައްގުވެރިންނަށް ފްލެޓް ދެއްކުން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިޔާ ފްލެޓް ލިބުނު ފަރާތްތަކާ އެކު އެގްރީމެންޓްގައި ސޮއިކުރުމަށްފަހު ހަމަ އެ ދުވަހު ފްލެޓްތަކުގެ ތަޅުދަނޑި އެފަރާތްތަކާ ހަވާލު ކުރާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެ އެވެ. ހިޔާ ފްލެޓްގެ ދަށުން 16 ޓަވަރު އިމާރާތް ކޮށްފައިވާއިރު އެގްރީމެންޓްގައި ސޮއިކުރުމަށް ހަމަޖައްސާފައިވަނީ ފަހަރަކު ޓަވަރެއް ނިންމުމަށްފަހު އަނެއް ޓަވަރު ފަށާ ގޮތަށެވެ.

ހަތަރުސަތޭކަ މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ހަދާފައިވާ ހިޔާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރާނީ އެތަނުގެ ފިނިޝިންގެ މަސައްކަތް ނުނިންމައި މިހާރު ހުރި ގޮތަށެވެ. އެހެންކަމުން އެތަން ހަވާލުކުރާނީ ތަޅުމުގައި ތަށިމުށި ނުޖަހައި ކޮޓަރިތަކާއި ފާހާނާ ތަކުގައި ދޮރު ހަރުނުކޮށް އަދި ކުލަ ވެސް ނުލައެވެ.