ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ލިއޮނަލް މެސީ ބާސެލޯނާއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެއެވެ.

މިއީ 2004 ވަނަ އަހަރު ބާސާއިން ސީނިއާ ކެރިއަރު ފެށި މެސީ ކޮންޓްރެކްޓްރެއް ނެތި ހުންނާނެ ފުރަތަމަ ފަހަރެވެ. މިހާރު މެސީ ބޭނުން ނަމަ ބޭނުން ކްލަބަކަށް ދެވިދާނެއެވެ. ބާސާގެ އެއްވެސް ގާނޫނީ ހިފެހެއްޓުމެއް ނޯންނާނެއެވެ. މެސީ ބާސާއާއެކު އާ ކޮންޓްރެކްޓަކަށް އެއްބަސްވުމަށް ވާހަކަތައް ދެކެވިފައިވާއިރު، ބާސާގެ ރައީސް ޖޮއާން ލަޕޯޓާ ވަނީ މެސީ މަޑުކުރާނެ ކަމުގެ ބޮޑު ޔަގީންކަމެއް ދީފައެވެ.

"މެސީ ބާސާއަށް އަލުން ސޮއި ކުރުވުމަކީ އެންމެ މުހިއްމު މަސައްކަތް. މެސީގެ ބައްޕަ، އަދި އެޖެންޓާ ވާހަކަ ދައްކަމުން މިދަނީ. މެސީއަށް އެނގޭ އެހެން ކްލަބުތަކުން ހުށަހެޅުންތައް އަންނަ ކަންވެސް. އެކަމަކު މިވަގުތު މަޑުކޮށްގެން ހުރީ ބާސާގެ ހުށަހެޅުމަކަށް. ދެފަރާތުންވެސް ގިނަ ކަންތައްތަކަކަށް އެއްބަސްވެފައި މިހާރު ވަނީ. ހަމައެކަނި އަންނަނީ ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ކުޑަ މައްސަލައެއް. އެކަން ހައްލުކޮށް މެސީގެ ނިންމުން ނިންމޭނެ،" ބާސާގެ ރައީސް ލަޕޯޓާ ބުނެފައިވެއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މެސީއާއެކު ދެން ބާސާއިން ސޮއިކުރަން ތައްޔާރުވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމުގައި ވާ ބޮޑު މުސާރަ، ލަލީގާ ފައިނޭންޝިއަލް ފެއާ ޕްލޭ އުސޫލަށް ފެއްތުމަށް 200 މިލިއަން ޔޫރޯ ކުޑަކުރަން ޖެހެއެވެ.

އުމުރުން 34 އަހަރުގެ މެސީ މިވަގުތު ކޮޕާ އެމެރިކާގައި ކުޅުމަށް އާޖެންޓީނާގައި ހުރިއިރު، އޭނާ ގެންދަން އެތައް ކްލަބަކުން މަސައްކަތް ކުރާނެކަން ޔަގީނެވެ. ހާއްސަކޮށް 2020 ވަނަ އަހަރު މެސީއާއި ބާސާ މައްސަލަ ޖެހި، އެފަހަރު މެސީ ބާސާ ދޫކޮށްލަން ބޭނުންވެފައި އޮތުމަކީ ކްލަބުތަކުން މެސީއަށް އުންމީދު ކުރާނެ ސަބަބެކެވެ. އެފަހަރު މެސީ ބާސާގައި މަޑުކުރުވީ ގާނޫނީ ބަންދެއްގެ ތެރެއިންނެވެ. މެސީ އޭރު ބުނެފައި ވަނީ މިހާރުގެ ކޮންޓްރެކްޓް ނިމުމާއެކު ކްލަބު ދޫކޮށްލާނެ ކަމަށެވެ.

އެހެންނަމަވެސް އޭގެ ފަހުން ބާސާގައި އޭރު ހުރި ރައީސް އިސްތިއުފާ ދީ، އާ ރައީސް ލަޕޯޓާ ހަވާލުވެފައި ވުމުން މެސީ ބާސާގައި މަޑުކުރާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ ފަދަ ފައިސާގެ ބޮޑެތި ކްލަބުތަކުން ލޯއަޅަމުން އަންނައިރު، މެސީ ފްރީ އެޖެންޓެއްގެ ގޮތުގައި ބެހެއްޓުމަކީ ބާސާއިން އެދޭނެ ގޮތެއް ނޫނެވެ.