މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27)އާ ގުޅުން އޮތް ގެެއެއް ބަލައި ފާސްކޮށް، ގަމީހެއް ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފި އެވެ.

ފުލުހުން ބަލައިފާސްކޮށްފައިވަނީ، މ. ޕެޓީކޯޓަރު، 4 ވަނަ ފަންގިފިލާ އެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، އެ ގެ ބަލައި ފާސްކުރީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި އެތަން ބަލައި ފާސްކުރީ ޒިހާންގެ ބައެއް އަންނައުނު ހޯދައި، މަރުގެ މައްސަލައާ ގުޅޭ ހެކި ގަރީނާ ހޯދުމަށް ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރީ ޒިހާންގެވެސް ހާޒިރުގައެވެ. އެވަގުތު އެތާނގައި އިތުރު ބަޔަކު ތިބި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޒިހާންވެސް ގޮވައިގެން އެ ގެ ބަލައި މި ފާސްކުރީ. ބަލައިފާސްކުރީ އެތާނގައި އެވަގުތު ތިބި މީހުންގެ އަތުގައި ކްލިފް އެޅުވުމަށް ފަހު. ހަތަރު ވަރަކަށް މީހުން އެވަގުތު އެ ފްލޯގައި ތިބި. ބަލައި ފާސްކުރުމަށް ފަހު ގެންގޮސްފައިވަނީ ޒިހާން ލީކަމަށް ބެލެވޭ އަތްދިގު ގަމީހެއް،" އޮފިޝަލް ވިދާޅުވިއެވެ.

އެ ކަމާ ގުޅިގެން ފުލުހުން ބުނީ ކުއްޖާ މަރާލި މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ އާއި 27 އަހަރުގެ މީހާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ކަމަށެވެ.

ޒިހާން ހައްޔަރުކޮށްފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި އުމުރުން 13 އަހަރުގެ ކުއްޖަކު ބަޔަކު މީހުންނާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާކަމަށް ބުނެ، އެވާހަކަ ދައްކައިފައިވާތީ، އެ ކުއްޖާ ރަހީނުކުރުމަށްފަހު ކުއްޖާއަށް ޖިސްމާނީ އަނިޔާދީ މަރާލުމަށްފަހު، ފޮއްޓެއްގެ ތެރެއަށް ލައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަރާތު ފަޅު ތެރެއަށް އެއްލާލައިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

އެ މައްސަލައިގައި ޒިހާނުގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތެވެ. އެ ތުހުމަތުތަކާއެކު ޝަރީއަތް ނިމެންދެން ޒިހާން ވަނީ ބަންދުކޮށްފައެވެ.

އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައެވެ.

އެ ކުއްޖާގެ މަރުގެ މައްސަލައިގައި ޒިހާންގެ އިތުރުން 17 އަހަރުގެ ކުއްޖަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. 17 އަހަރުގެ ކުއްޖާގެ ބަންދަށް ވަނީ 15 ޖަހައިފަ އެވެ.

އެ ކުއްޖާގެ ހަށިގަނޑު ފެނުނު މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި މީހަކަށް ބަލައިލަން ކެތް ނުވާ ވަރަށް ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުއްޓެވެ. ކަރުގައި ވަށް އެއްޗެއް ބައްދާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ބެލެވޭ ގޮތުގައި އެ ކުއްޖާ މަރާލީ ކަރުގައި އެއްޗެއް ބައްދައި ނޭވާ ހާސްކޮށްގެނެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައަށް މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފަ އެވެ.