ޓެރަރިޒަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހިފައި ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމަކާ ނުލައި 48 ގަޑިއިރު ބެއި ތިއްބޭ ގޮތަށް ފުލުހުންނަށް ބާރުދޭން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައި ބަހުސް ފަައިފިއެވެ.

މިއީ ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމަށްޓަކައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ފަރާތުން ފޮނުއްވި މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަބުދުލްޣަނީ އަބުދުލް ހަކީމެވެ.

މި އިސްލާހުގައި ބުނެފައި ވަނީ، ގާނޫނުގެ ހަ ވަނަ މާއްދާ އާއި ހަތްވަނަ މާއްދާ އާއި 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ކުށް ކުރަން އުޅޭކަމުގެ ތުހުމަތު ކުރެވޭ މީހަކު ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

ގާނޫނުގެ ހަވަނަ މާއްދާގައި ބުނެފައި ވަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، ކުރަން އުޅުމާއި އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމަކީ އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ ވާހަކައެވެ. ހަތްވަނަ މާއްދާގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ވާހަކައެވެ. 12 ވަނަ މާއްދާގައި ބުނަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ އެފަދަ ކަމަކަށް މަގުފަހި ކުރުމާބެހޭ ވާހަކައެވެ. އަދި 14 ވަނަ މާއްދާގައި ބުނަނީ ގޭންގު ނުވަތަ ގްރޫޕް ހަދައިގެން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ވާހަކައެވެ.

މި ގާނޫނުގައި މިހާރު އޮންނަ ގޮތުން ޓެރަރިޒަމްގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށް ބަންދުކޮށްފި ނަމަ އޭނާ ބަންދު ކުރީ ގާނޫނީ ހަމަތަކުންތޯ ކަނޑައެޅުމަށް 24 ގަަޑިއިރުގެ ތެރޭގައި އެ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހެއެވެ.

ނަމަވެސް ބިލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، ޓެރަރިޒަމްގެ ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބޭތިއްބުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށެވެ. އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް ބިލުގައި އިތުރަށް ވަނީ ސާފުކޮށްދީފައެވެ.

ބިލުގައި ބުނެފައި ވަނީ ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު މި ގާނޫނުން ފުލުހުންނަށް ދީފައިވާ ފަރާތެއް އަމިއްލަ ތަނެއްގައި ހުންނަ ހާލަތެއްގައި ކޯޓު އަމުރަކާ ނުލައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމާއި އެކަށޭނަ މިިންވަރެއްގެ ވަގުތަކަށް އެތަނުގައި ތިބުމުގެ ބާރުވެސް ފުލުހުންނަށް ވަނީ ދީފައެވެ.

މީގެ އިތުރުން އެކަން ކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ އިޖުރާއަތްތައްވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެކަމަށް ޓަަކައި އެފަދަ ސަރަހައްދަކަށް ގޮސް އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަން ޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށްވެސް ބިލުގައި ވަނީ ކަންތައްތަކެއް ހިމަނައިފައެވެ.

އެގޮތުން އެކަންކަމުގައި ރާއްޖެއިން ބޭރަށް ގޮސް ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަގުތުން ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމާއި، އެފަދަ ފަރާތްތަކުން މުޖުތަމައު ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބިލުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން އެފަދަ ފަރާތްތަކަށް ދޭން ޖެހޭ ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް ކަންކަން މަގުފަހި ކުރުމަށް ކުރަން ޖެހޭ ކަންތައްތައްވެސް މި ބިލުގައި ވަނީ ހިމަނައިފައެވެ.