ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި ތ. ތިމަރަފުށިން ހައްޔަރު ކުރި ޝަރީއަތުގެ އަޑުއެހުންތައް ކުރިިމިނަލް ކޯޓުން ނިންމާލައިފިއެެވެ.
މި މައްސަލައަކީ ތިމަރަފުށީގައި އިސްލާމް ދީން ކުރިއެރުވުމުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކަކަށް ތާއީދުކޮށް ޓެރަރިޒަމްގެ ހިތްވަރުދީ ޓެރެރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރުދީ، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއައިޑީ) އެއް ތައްޔާރުކުރުމަށްފަހު ރާއްޖޭގެ ސަރަހައްދެއްގައި ގޮއްވާލައި، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރުވުމަށް ތައްޔާރުވަމުން ދިޔަ މައްސަލައެކެވެ.
މީގެ އިތުރުން ދަތުރު ދިޔުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ތަމްރީންތައް ހަދަމުން ދިޔުމާއި ތ. ތިމަރަފުށީގައި، ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި، ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދިޔުމާއި ހަރުކަށި ފިރުކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް މި މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުން:
- އަބްދުﷲ ޝަރީފް، ފެހިވިދުވަރު/ ތ.ތިމަރަފުށި
- އަހްސަން މުހައްމަދު، ކެނެރީގެ/ ތ.ތިމަރަފުށި
- އަލީ މުނީޒު، ކެނެރީގެ/ ތ.ތިމަރަފުށި
- މުހައްމަދު އާސިރު، އަސުރުމާގެ/ ތ.ތިމަރަފުށި
- އަލީ އަރުހަމް މުހައްމަދު، ފެހިވިލާ/ ރ.ކަނދޮޅުދޫ
- ޝަމާހް ޝަރީފް، ސައިމާ/ ތ.ތިމަރަފުށި
- އިބްރާހިމް ލޫތު، ރޯޒްމީޑް/ ނ.ކުޑަފަރި
- އަބްދުﷲ އިމާދު، ބީޗް ހައުސް/ ރ.މަޑުއްވަރި
ޝަރީއަތް ނިމެންދެން މި މީހުން ބަންދުގައި ބެއިތިއްބުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް:
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން
- ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުން
- ހަނގުރާމައަށް ދާން އުޅުން
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން
- އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން
މި މައްސަލައިގެ ޝަރީއަތުގެ އެންމެހައި އަޑުއެހުންތައް އިއްޔެ ވަނީ ނިންމާލައިފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މި މައްސަލައިގައި ދެން އޮންނާނީ ކޯޓުން ގޮތެއް ކަނޑައެޅުން ކަމަށެވެ. ޖިނާއީ އިޖުރާއަތު ގާނޫނު ބުނާގޮތުން ހުލާސާބަޔާން ހުށަހެޅުމުގެ އަޑުއެހުން ބާއްވާ ތާރީހުން ފެށިގެން 30 ދުވަސް ތެރޭގައި މައްސަލާގައި ހުކުމް ކުރަން ޖެހޭނެއެވެ. އެހެންކަމުން އަންނަ މައިމަހުގެ އަށްވަނަ ދުވަހުގެ ކުރިން މި މައްސަލައިގައި ކޯޓުން ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
އިބްރާހިމް ޒަކީ
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން
ބޮލީވުޑް