ކޮވިޑުން ރައްކާތެރިވުމަށް ދެ ޑޯޒް ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއި ނުދޭއިރު އެ ޖެހި ވެކްސިންގެ ބޭނުމަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އަލީ ސުވާލު ކުރައްވައިފި އެވެ.
ކޮވިޑުން ރައްކާތެރި ވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އިއްޔެ ވަނީ ލުއި ދީފަ އެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ދޭން ބުނި ލުއިތައް ދީފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެ ގިނަ ރައްޔިތުން ވަނީ ރުޅިގަދަވެފަ އެވެ.
އިއްޔެ ދިން ލުއި ތަކުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެ، ބަލިން ރަނގަޅު ވެ ދެމަސްދުވަސް ހަމަ ނުވާ މީހުންނަށް މާދަމާ އިން ފެށިގެން ކަރަންޓިނަކާ ނުލައި ރަށްރަށަށް ދަތުރު ކުރެވޭނެ ގޮތް ވަނީ ކަނޑައަޅާފަ އެވެ.
މިކަމާ ގުޅިގެން ރޮޒައިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑު ޖެހުނު މީހުންނަށް ރަށްރަށަށް ކަރަންޓިނަކާ ނުލައި ދެވޭ ނަމަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ކަރަންޓިނަކާ ނުލައި ރަށްރަށަށް ނުދެވެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އެ ގޮތަށް ނުދެވޭ ނަމަ ދެ ޑޯޒް ވެކްސިން ޖެހުމުގެ ބޭނުމަކީ ކޮބައިތޯ އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ.
މީގެ ކުރިން އެޗްޕީއޭ އިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރުހަމަ ކުރާ މީހުންނަށް ކަރަންޓީނާ ނުލައި ރަށްރަށަށް ދެވޭނެ އުސޫލެއް ކަނޑައަޅާފަ އެވެ. އެއާއެކު ވެކްސިން ނުޖަހައި ތިބި އެތައް ބަޔަކު އަވަސްވެގަނެ ބޮޑު ކިޔޫތައް ހަދައިގެން، ގަޑި ދެ ގަޑި އިރު އެ ކިޔޫތަކުގައި ތިބެ ވެކްސިން ފުރިހަމަ ކުރި އެވެ.
ރާއްޖޭގެ ކޮވިޑު ހަތަރުވަނަ ރާޅާއެކު ދުވާލެއްގެ މައްޗަށް އެތައް ބަޔަކު މަރުވެ ބަލި ޖެހޭ މީހުންގެ އަދަދު ހާހުން ދެހާހުން މައްޗަށް ދިޔުމުން ހުރިހާ ލުއިތައް ފަހުން ހުއްޓާލީ އެވެ. އަދި ޒަރޫރީ ބޭނުމެއްނެތި އެއްވެސް ރަށަކަށް ނުދެވޭ ގޮތް ވަނީ ހަދާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު