ހުށަހެޅި އަގުތައް ބޮޑުވުމުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އިމާރާތް ކުރާނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާން ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މީގެ ކުރިން ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑު ކަމަށް ފެންނާތީ އާއި ކުރެހުމާއި މައުލޫމާތަށް ބަދަލުތަކެއް ގެންނަން ބޭނުންވާތީ އެ އިއުލާނު ބާތިލު ކޮށް އަލުން ފުރުސަތު ހުޅުވާލާ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ. މައުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާސް، ބިޑަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޕްރީ ބިޑް މީޓިން އަންނަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ 13:00 ގައި މިނިސްޓްރީގައި އޮންނާނެ ކަމަށާއި މި މީޓިންގައި ބިޑާ ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި، ބިޑަރުންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެ ކަމަށެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހަދާނެ ބަޔަކު ހޯދަން އިއުލާން ކުރި އިރު އެތާނގައި މިހާރު މީހުން ދިރިއުޅެން ވަނީ ފަށާފަ އެވެ.