ޔޫރޯ 2020 ގެ ގަދަ 16ގައި އިންގްލެންޑުން ޖަރުމަނު ބަލިކޮށް، 2012 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިންގްލެންޑްގެ އަމިއްލަ ދަނޑު، ވެމްބްލީގައި ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ އެގައުމުން ތަށްޓަށް ކުރަމުން އަންނަ އުންމީދަށް ލިބުނު ބޮޑު ހިތްވަރަކަށް ވާނެއެވެ.

އިންގްލެންޑާއި ޖަރުމަނަކީ މިހާރު ދުނިޔޭގެ ފުޓުބޯޅައިގައި ގަދަ ދެ ބާރެވެ. ޖަރުމަނާ އެއްވަރަށް އިންގްލެންޑަށް ތަށި ހޯދިފައި ނުވި ނަމަވެސް އިންގްލެންޑަކީ އަބަދުވެސް ތަރިންގެ ޓީމެކެވެ. އެގައުމުގެ ވަރުގަދަ ފުޓުބޯޅަ ލީގާއެކު ޒުވާން ކުޅުންތެރިން އުފައްދައި އިންގްލެންޑުން ދަނީ ތަށްޓަކާ ގާތް ކުރަމުންނެވެ. އަނެއްކޮޅުން ޖަރުމަނަކީ ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު، ޔޫރޯ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ޓީމެކެވެ. އެގައުމުގެ ފުޓުބޯޅަ ސިސްޓަމަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސިސްޓަމެވެ. އަބަދުވެސް ހުނަރުވެރި ކުޅުންތެރިން ޖަރުމަނުން ފެންނަމުން ދެއެވެ.

ޔޫރޯ 2020ގެ ގަދަ 16 އަށް ޖަރުމަނުން ދިޔައީ ގްރޫޕް އެފް، މަރުގެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް، ހަންގޭރީއާ އެއްވަރުކޮށްފައެވެ. ޖަރުމަނުން ހަމައެކަނި ބަލިވީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުންނެވެ.

އިންގްލެންޑުން މިހާތަނަށް މުބާރާތުގައި ބަލިވެފައެއް ނުވެއެވެ. އެޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއާއި ޗެކު ރިބަޕްލިކްވެސް ބަލިކޮށްފައެވެ. އިންގްލެންޑަށް ތިން ޕޮއިންޓް ގެއްލުނީ ސްކޮޓްލޭންޑް އަތުން އެކަންޏެވެ. އެ މެޗު އެއްވަރުވި ނަމަވެސް އިންގްލެންޑަށް ވަނީ ގްރޫޕް ޑީގެ އެއްވަނަ ލިބިފައެވެ. މިރޭގެ މެޗަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ އަމިއްލަ ދަނޑުގައި ޖަރުމަނާ ދެކޮޅަށް ކުޅުމެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ "ސޭފް" ކުޅުމެކެވެ. މާ ބޮޑަށް ޑިފެންސް ހުޅުވާނުލައި، ދެޓީމުންވެސް ފުރަތަމަ ކަމަކަށް ސަމާލުކަން ދިނީ ޑިފެންސަށެވެ. މެޗުގެ ކޮންޓްރޯލް ހޯދުމަށް ދެޓީމުންވެސް މެދުތެރެއިން ރަނގަޅު ޕާސްތައް ޖެހުމަށް މަސައްކަތް ކޮށްފައިވާ އިރު، ހަމަލާތައް ފެނުނީ 10 ވަރަކަށް މިނެޓް ދިޔަ ފަހުންނެވެ.

ޖަރުމަނަށް ފުރަތަމަ ހާފުގައި ލިބުނު އެންމެ ފަހި ފުރުސަތެއް ލިބުނީ ކައި ހަވާޓްސްއާއި ޓީމޯ ވާނާއަށެވެ. ހިލޭ ޖެހުމަކުން ރަނގަޅު ރޫޓީންއަކަށްފަހު ކައި ހަވާޓްސް ފޮނުވާލި ހަމަލާ ބްލޮކްވިއެވެ. އަދި އޭގެ އިރުކޮޅެއްފަހުން ޖޯޝުއާ ކިމިކް ދުއްވާލި ތުރޫ ބޯޅައަށް އިންގްލެންޑް އޭރިއާ ތެރެއަށް ވަދެ ވާނާ ފޮނުވާލި ހަމަލާ މަތަކުރީ އިންގްލެންޑް ގޯލްކީޕަރު ޖޯޑަން ޕިކްފޯޑެވެ. މިރޭގެ މެޗަކީ ޖަރުމަނުގެ ފުރަތަމަ 11 ގައި ވާނާ ހިމެނުނު ފުރަތަމަ މެޗެވެ.

ހާފުގެ ފަހު ކޮޅުގައި އިންގްލެންޑުން މެޗުގެ ތެރެއަށް ހޭނިލިއެވެ. ކުރިއަށް ޖެހި ރަނގަޅު ޕާސްތަކެއް ޖަހައި ހަމަލާތަކަށް ފުރުސަތު ފަހިކުރިވެސް މެއެވެ. ރަހީމް ސްޓާލިން ދުރުން ފޮނުވާލި ހަމަލާ ޖަރުމަނު ގޯލްކީޕަރު މެނުއަލް ނޯޔާ އަތަށް އަމާޒުވި އިރު، ކެވިން ޓްރިޕިއާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހެރީ މެގުއާ ބޮލުން ފޮނުވާލި ހަމަލާ، ޖަރުމަނުގެ ގޯލާ އަމާޒެއް ނުވިއެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހި ފުރުސަތު ހުޅުވުނީ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންއަށެވެ. ސްޓާލިން އަތުން ގެއްލުނު ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ކޭންއަށް ލިބުނު ނަމަވެސް، އޭނާ ހަމަލާއެއް ފޮނުވައިލުމުގެ ކުރިން ޖަރުމަން ޑިފެންޑަރު މެޓްސް ހުމުލްސް ވަނީ ވަރުގަދަ ޓެކުލެއް ޖަހައި ދިފާއު ކޮށްފައެވެ.

ދެވަނަ ހާފުގައިވެސް ފެނުނީ މަޑު ކުޅުމެކެވެ. ދެޓީމުންވެސް ކުޅުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ކޮޅުގައި ޖަރުމަނުގެ ކައި ހަވާޓްސްގެ ނުރައްކާތެރި ބާރު ހަމަލާއެއް ޕިކްފޯޑް މަތަކުރި އިރު، އޭގެ ފަހުން ދެޓީމަށްވެސް ސީދާ ގޯލަށް ފުރުސަތެއް އުފައްދަން އުނދަގޫތަކަކާ ކުރިމަތިވިއެވެ. އިންގްލެންޑުން ހުރަސްތަކެއް ނަގައި، ނުރައްކާކުރުމަށް މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން ކޭންއަށް އެ ބޯޅަތަކެއް ލިބޭ ގޮތެއް ނުވިއެވެ. ޖަރުމަނުގެ ދެ ޑިފެންޑަރުން ކަމަށްވާ ހުމުލްސް އާއި ރުޑިގާގެ ސަބަބުން ކޭންއަށް ވަނީ މުޅި މެޗުގައި ވެސް އުނދަގޫތަކެއް ކުރިމަތިވެފައެވެ.

މެޗު ހުޅުވިގެން ދިޔައީ 75 ވަނަ މިނެޓުގައި އިންގްލެންޑުން ލީޑު ނެގުމާ އެކުގައެވެ. ގޯލުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ހާފަށް ނުކުތް ޖެކް ގްރީލިޝްގެ ހުނަރު ފެނިގެން ދިޔަ އިރު، އޭނާ އަރިމައްޗަށް ދިން ޕާސް ލޫކް ޝޯ ޕެނަލްޓީ އޭރިއާ ކުރިމައްޗަށް ހުރަސް ކޮށްލުމުން ނިންމާލީ ސްޓާލިންއެވެ. އެއީ މުބާރާތުގައި އިންގްލެންޑުން ޖެހި ތިންވަނަ ގޯލެވެ. ސްޓާލިންގެ ވެސް ތިންވަނަ ގޯލެވެ.

ގޯލާއެކު މެޗު ހުޅުވި ފޯރިގަވެގެން ދިޔައެވެ. އިންގްލެންޑް ގޯލަށް އިރުކޮޅެއްވެސް ނުވެ ޖަރުމަނުގެ މުލާއަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރު ވެގެން ދިޔައިރު، އިންގްލެންޑުން ނަތީޖާ ޔަގީންކުރީ ކެޕްޓަން ކޭންގެ މުހިއްމު ގޯލަކާއެކުގައެވެ. އެ ގޯލަށް އެސިސްޓް ކޮށްދިނީ މެޗު އަނބުރާލުމުގައި މުހިއްމު ދައުރެއް އަދާކުރި ގްރީލިޝްއެވެ. އޭނާގެ ހިތްގައިމު ހުރަސް ބޮލުން ގޯލަށް ވައްދާލީ ކޭންއެވެ.

އިންގްލެންޑުން ކުއާޓާގައި ކުޅެން ޖެހޭނީ ސްވިޑެންއާއި ޔޫކްރެއިން މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އިޓަލީގެ ރޯމްގައެވެ.