ޔުރޯ 2020 ގެ ގަދަ 16 އިން ނެދަލޭންޑްސް ކެޓުމާއި ގުޅިގެން ކޯޗުކަމުގައި ހުރި ފްރޭންކް ޑި ބޯ މަގާމުން އިސްތިއުފާ ދީފިއެވެ.
ގްރޫޕް ސްޓޭޖުން ރަނގަޅު ނަތީޖާއެއް ހޯދައި ނެދަލޭންޑްސް ޔޫރޯގެ ގަދަ 16 އަށް ދިޔައީ އުންމީދުގައެވެ. އެހެންނަމަވެސް އެޓީމު ވަނީ ޗެކު ރިޕަބްލިކް އަތުން ބަލިވެ، ގަދަ 16 އިން މުބާރާތް ނިންމާލަން ޖެހިފައެވެ. އެ ބައްޔާއެކު ޑި ބޯ އިސްތިއުފާ ދިންކަން ފުޓުބޯޅަ ފެޑަރޭޝަނުން ވަނީ ޔަގީން ކޮށްދީފައެވެ.
ޑި ބޯ ކޯޗުކަމާ ހަވާލުވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އޭނާގެ ކުރިން ނެދަލޭންޑްސްގެ ކޯޗުކަމުގައި ހުރީ މިހާރު ބާސެލޯނާގެ ކޯޗުކަމުގައި ހުރި ރޮނާލްޑޯ ކޫމަންއެވެ. ފެޑަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓީމުގެ ކޯޗުކަމުން ވަކިވާން ޑި ބޯ ނިންމާފައިވާ ކަމަށާއި، ދެ ފަރާތުންވެސް އެއްބަސްވެ، މިހާރު އެއްބަސްވުން އުވާލެވިފައިވާ ކަމަށެވެ.
ފެޑަރޭޝަނުން ބުނެފައި ވަނީ ޔޫރޯ ކުއާޓާ ފައިނަލަށް ޓީމު ގެންގޮސް ދިނުމަކީ ޑި ބޯއަށް ކޮންޓްރެކްޓްގެ ތެރެއިން ދިން ޓާގެޓެއް ކަމަށެވެ.
ޑި ބޯ ބުނެފައި ވަނީ ޓާގެޓް ހާސިލު ނުވި ކަމަށް ގަބޫލުކުރާ ކަމަށާއި، ގައުމީ ޓީމަށް ކޯޗުކަން ކޮށްދިނުމަކީ ލިބުނު ބޮޑު ފަހުރެއް ކަމަށެވެ. އެކަމާ ގުޅިގެން ކުރިމަތި ވާނެ ޕްރެޝަރު ކުރިންވެސް އެނގޭ ކަމަށާއި، އެ ޕްރެޝަރާ ކުރިމަތިލީ ކެރިގެން ކަމަށްވެސް ޑި ބޯ ބުނެފައިވެއެވެ.
ކުރިން ނެދަލޭންޑްސް ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ޑި ބޯއަކީ ކޯޗެއްގެ ގޮތުގައި އެހާ ކާމިޔާބު މީހެއް ނޫނެވެ. އޭނާ ކުރިން ވަނީ ކްރިސްޓަލް ޕެލެސް އާއި އިންޓަ މިލާންގެ ކޯޗުކަމުގައިވެސް މަސައްކަތް ކޮށްފައެވެ. ކްރިސްޓަލް ޕެލެސްގައި އޭނާ ހޭދަކުރީ 77 ދުވަހުގެ ކުރު މުއްދަތެކެވެ. އަދި އިންޓަ މިލާންގައި އޭނާ ހޭދަކުރީ 85 ދުވަހުގެ ކުރު މުއްދަތެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު