ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށްވާ، ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލިމަނިކު ބަންދުން ދޫކޮށްލީ ކަރެކްޝަނުން ދިން މައުލޫމާތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އަބްދުﷲ އަލިމަނިކަށް މައާފު ނުދޭ ކަމަށާއި ނަމަވެސް ހުކުމަށް ލުއިތަކެއް ދީފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭނާގެ ހުކުމަށް ލުއިތައް ދިނީ ކަރެކްޝަނުން ދިން މައުލޫމާތަށް ރިއާޔަތްކުރުމަށް ފަހުއެވެ. ލުއިކޮށްދިނީ ހުކުމުން ހަތަރު މަހެވެ.

"އަބްދުﷲ އަލިމަނިކާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް ކަރެކްޝަންސްއިން ދީފައިވާ މައުލޫމާތަކީ އޭނާއަކީ މިހާރު އިސްލާހުވެ މުޖުތަމައަށް ނުކުތުމަށް ތައްޔާރުވެފައި ހުރި މީހެއް ކަމަށް، އަދި އޭނަގެ 17 އަހަރުން ދަށުގެ ބަލަން ޖެހޭ ގިނަ ކުދިން ތިބި ކަމަށް އަދި އޭނާއަކީ މުޖުތަމައަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދެވޭނެ މީހެއް ކަމަށް ދެކޭ ކަމަށް. މި ދެންނެވި ހުރިހާ ކަމަކަށް ބެލުމަށް ފަހު ބާކީ އޮތް 8 މަހުގެ ހުކުމް އަޅުގަނޑު ކުޑަކޮށްދިނީ ތިން މަސް ދުވަހަށް. ކޮށްފައި ދެން ހުރި ހުކުމްތައް ފުރިހަމަވެގެން އޭނާ މިނިވަންވެގެން ދިޔައީ،" ރައީސް ވިދާޅުވިއެވެ.

އަލިމަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރުގެ ބަޔަކު ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު އެކެކެވެ. އެ މައްސަލާގައި ހައްޔަރުކޮށް އޭނާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި އަލިމަނިކު ޖަލަށްލާފައިވަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ޖަލުން ފިލި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަބްދުﷲ އަލިމަނިކު ހިމެނޭހެން ހިމަންދޫ މައްސަލައިގައި ހައްޔަރުކުރި ގިނަ މީހުން ކުރީގެ ސަރުކާރުތަކުން ވަނީ މިނިވަންކޮށްފައެވެ. ނަމަވެސް އަބްދުﷲ އަލިމަނިކު އަލުން ޖަލަށް ލާފައިވަނީ މިނިވަންވި، ޝަރުތުތަކާ ހިލާފުވެ އަލުން ހިމަންދުއަށް ދިއުމުން ކަމަށް ވިދާޅުވިއެވެ.

އަލިމަނިކު މިނިވަންވިފަހުން އޭނާ އަލުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލެއިންނެވެ.

އޭނާ ހައްޔަރުކުރަން ނެރުނު އަމުރުގައި، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވުމުގައި އިސްދައުރެއް އޭނާ އަދާކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.