މީޑިއާތަކަށް ސަރުކާރުން ފިޔަވަޅުއަޅަން ތާއީދު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މީޑިއާތަކުން ފާޅުކުރާ ހިޔާލާއި ޝާއިއުކުރާ ލިޔުންތަކާއި ގުޅިގެން ސަރުކާރުން ފިޔަވަޅު އެޅުމަކީ އެއްވެސް ވަރަކަށް ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށެވެ.
"މީޑިއާތަކުގައި ފާޅުކުރާ ހިޔާލާއި ލިޔާ ލިޔުންތަކާ ގުޅިގެން ސަރުކާރުން ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެން އެއްވެސް ވަރަކަށް ތާއީދު ކުރާ އަދި ހިތްވަރުދޭކަމެއްވެސް ނޫން. އެހެންނަމަވެސް ކުޑަކުދިންގެ ކަރާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށް ކުޑަކުދިންނާ ގުޅޭ ވާހަކަތައް ދައްކާއިރު ކުރަން ޖެހޭ މިންގަނޑުތަކެއް އެބަ އޮވޭ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި. އަޅުގަނޑުގެ އިލްތިމާސަކީ ކުޑަކުދިންނާއި ގުޅޭ ވާހަކަތައް ލިޔާއިރުގައި ގާނޫނުގައި އޮންނަ އިމުގެ ތެރޭގައި އެކަންކަން ކުރަން،" ރައީސް ވިދާޅުވިއެވެ.
މަރާލުމަށްފަހު ފޮއްޓަކަށް ލާފައި އޮއްވައި މިމަހުގެ 22 ވަނަ ދުވަހު ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގެ ހަބަރުތައް ބައެއް ނޫސްތަކުން ގެނެސްދިން ގޮތާ މެދު ހިތްހަމަ ނުޖެހިގެން ޖެންޑާ މިނިސްޓްރީން ވަނީ ނޫހެއް ޖޫރިމަނާކޮށް، ބައެއް ނޫސްތަކަށް ނަސޭހަތްދީފައެވެ. އެގޮތުން އަވަސް އޮންލައިން ވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ގާނޫނީ ގޮތުން އޮންލައިނާއި ޕްރިންޓް މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށެވެ. ނަމަވެސް ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ ވަނީ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅީ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް އަމަލު ކުރުމުން ކަމަށާއި އެކަން ކޮށްފައިވަނީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ވިދާޅުވެފައެވެ. ޕީޖީ ހުސައިން ޝަމީމްވެސް ވަނީ މިނިސްޓަރަށް ތާއީދުކުރައްވައިފައެވެ.
ޖެންޑާ އިން ފިޔަވަޅު އެޅުމާ ގުޅިގެން އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ ޖެންޑާއިން މީޑިއާތަކާ މެދު ފިޔަވަޅު އަޅާފައިވަނީ އެ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން އެކަމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެމްއެމްސީން ބުނީ ބައެއް ނޫސްތަކުގައި 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ހަބަރުތައް ގެނެސްފައިވާ ގޮތް އެ ކައުންސިލުން ބަލަމުން އަންނަ ކަމަށާއި ނަމަވެސް ޖެންޑާއިން ފިޔަވަޅު އަޅާފައިވަނީ އެ ކައުންސިލުން މައްސަލަ ބަލައި ވަކި ގޮތްތަކެއް ނުނިންމަނީސް ކަމަށެވެ.
"މި ކައުންސިލުން މި މައްސަލައިގައި އެސެސްމަންޓް ހަދައި، ވަކި ގޮތްތަކެއް ނުނިންމަނީސް އެކި ފަރާތްތަކުން މީޑިއާތަކާމެދު ފިޔަވަޅުއަޅައި އިންޒާރުގެ ލިޔުން ފޮނުވައި މީޑިއާތަކަށް ބިރުދެއްކުމުގެ އަމަލުތައް ނުހިންގުމަށް ގޮވާލަން،" ބަޔާނުގައިވެއެވެ.
ޖެންޑާއިން ބައެއް މީޑިއާތަކަށް އިންޒާރުދީ ޖޫރިމަނާކޮށްފައިވާތީ އެކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބްރޯޑްކާސްޓިކް ކޮމިޝަނުންވެސް ވަނީ ކުށްވެރިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު