ޚަބަރު

އާ ޑިޕާޗާ ޓެކްސްތައް ނަގަން ފަށާނެ ތާރީހާ މެދު އިތުރަށް ވިސްނާނަން: ރައީސް

އަލީ ޔާމިން

އާ ޑިޕާޗާ ޓެކްސްތައް ނަގަން ފަށާނެ ތާރީހާ މެދު އިތުރަށް ވިސްނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އެއާޕޯޓުން އަލަށް ޓެކްސްތަކެއް ނަގަން ނިންމީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ. ނަމަވެސް ޑިޕާޗާ ޓެކްސްތައް ނެގުމުގެ ބިލް މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގައި އެންމެ އެކަށީގެންވާ ވަރަށް ކުރިއަށް ގޮސްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ބިލު މިއަހަރު އަނެއްކާ މަޖިލީހުގެ ތަޅުމަށް އައިސްފައިވާ ކަމަށާއި އެ ބިލު ފާސްކުރުމުގެ ކުރިން އެ ބިލަށް އަމަލުކުރާނެ ތާރީހާ މެދު އިތުރަށް ވިސްނަވާނެ ކަމަށެވެ.

"އެއާޕޯޓުން ނަގާ ފީތަކުގެ ވާހަކަ ދެއްކި، އެއީ 2020 ވަނަ އަހަރަށް ފާސްކުރި ރެވެނިއުއާއެކީގައި. ނަމަވެސް މިދިޔަ އަހަރުގައި އެކަން ނުވެފައި މިއޮތީ. ނަމަވެސް މިހާރު އެ ބިލު މަޖިލީހުގެ ފްލޯއަށް އައިސް ކުރިއަށް އެދަނީ. އަޅުގަނޑުވެސް ތިއާ ދޭތެރޭ ވިސްނާލަން ޖެހޭނެ ކަމެއްގެ ގޮތުގައި ފާހަގަ މިކުރެވެނީ. އަދި ކޮމިޓީން ފާސްކުރިއަސް ބިލަށް އަމަލު ކުރާ ތާރީހާ މެދު އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެއާޕޯޓުތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ، އެއާޕޯޓް ސާވިސް ޗާޖް ނެގުން އަންނަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހުއްޓާލައި، އާ ޓެކުހެއްގެ ގޮތުގައި ޑިޕާޗާ ޓެކްސް ނަގަން ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީ، (ކޮމިޓީ އޮފް ދަ ހޯލް ހައުސް) އިން ވަނީ މިއަދު ފާސްކޮށްފައެވެ.

އަލަށް ތައާރަފު ކުރުމަށް އެ ބިލުގައި ހިމަނާފައިވާ ޑިޕާޗާ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވެސް ބުނެފައިވެއެވެ.

ޑިޕާޗާ ޓެކްސް ނެގުމުގައި ފްލައިޓުން ދަތުރު ކުރާ ކެޓަގަރީއަށް ބަލައި ޓެކްސް ނަގާ އަދަދަށް ބަދަލު ގެނެސްފައިވެއެވެ.

އެ ބަދަލުގައި އިކޮނޮމިކް ކްލާހުގައި ދަތުރު ކުރާ ދިވެހީންގެ އަތުން މިހާރުވެސް ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖާ އެއްވަރަށް ޑިޕާޗާ ޓެކްސް ނަގަން ހިމަނާފައިވީ ނަމަވެސް އެހެން ބައިތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން އިކޮނޮމިކް ކްލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު ބިދޭސީންގެ އަތުން 30 ޑޮލަރު، އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ފަސްޓްކްލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުން ނެގުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދީން، ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާ ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިހާރު ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމަށް ވެސް ބައެއް ބަދަލުތައް ގެނައުމަށް އިސްލާހުގައި ވަނީ ހިމަނައިފައެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މިހާރު ނަގަމުން އަންނަނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރެވެ.

ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އެއަށްވެސް ބަދަލު ގެންނަން ބިލުގައި ވަނީ ހިމަނައިފައެވެ. އެގޮތުން ޑިޕާޗާ ޓެކްސްއާ އެއްގޮތަށް އަދަދުތަކަށް ބަދަލު ގެނައުމަށް ވަނީ ހިމަނައިފައެވެ.

އެހެންކަމުން ޖެނުއަރީ އެކަކުން ފެށިގެން އެއާާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަމުން ގެންދާނީ އިކޮނޮމިކް ކްލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު ބިދޭސީންގެ އަތުން 30 ޑޮލަރު، އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ފަސްޓްކްލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުގެ ގޮތުުގައި ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ކޮމިޓީ އޮފް ދަ ހޯލް ހައުސް އިން މުޅި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވަނީ ނިންމައިފައެވެ.