އަންނަ މަހުން ފެށިގެން، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިދިޔަ މަހުގެ 12 އިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އަންގައިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުގެ ކޮވިޑްގެ އަދަދު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން އިތުރު ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި މިގޮތަށް އަމަލު ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގެ މިސްކިތްތައް ބަންދުކޮށްފައެވެ. ނަމަވެސް ކޭސްތަކުގެ އަދަދު މަދުވުމާ ގުޅިގެން މިމަހުގެ 15 އިން ފެށިގެން ވަނީ އެކަނި ގޮސް ނަމާދު ކުރެވޭ ގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް އަލުން ހުޅުވާލާފައެވެ.
ކޮވިޑާ ގުޅިގެން މީގެ ކުރިންވެސް އެކި ފަހަރުމަތިން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކުރިއެވެ. މިސްކިތްތަކުގައި ކައިރިކައިރީ ސަފު ހަދައިގެން ޖަމާއަތުގައި ނަމާދު ކުރުމަށް އެންމެ ފަހުން ހުއްދަ ދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ.
ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް އެޗްޕީއޭއިން މިފަހުން ދިން ލުއިތަކަކީ ކާފިއުގެ ވަގުތު ކުޑަކުރުމާއި އެކަނި ކަސްރަތައް ނުކުތުމުގެ ހުއްދަ ދިނުމާއި ގައިޑްލައިނެއްގެ ދަށުން ސެލޫންތަކާއި ބޯކޮށާތަންތަން ހުޅުވުމުގެ ހުއްދަދިނުމާއި ޖިމްތައްވެސް ހުޅުވުމުގެ ހުއްދައިގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަވެސް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު