ޔޫރޯ 2020ގެ ގަދަ 16ގައި އިންގްލެންޑުން ޖަރުމަނާ ދެކޮޅަށް ނުކުންނަ މެޗަކީ އެތައް ގޮތަކުން ސަމާލުކަން ހުއްޓޭނެ މެޗެކެވެ. ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ދެ ބާރުގެ ކުރިމަތިލުމެކެވެ. ސަޕޯޓަރުން ގިނަ ދެ ގައުމެއްގެ ވަރުގަދަ ކުރިމަތިލުމެކެވެ.

ޖަރުމަނާއި ސްޕެއިންއަކީ ޔޫރޯގައި އެންމެ ކާމިޔާބު ދެ ގައުމެވެ. އެ ދެޓީމުންވެސް ތިން ފަހަރަށް ޔޫރޯ ކާމިޔާބު ކޮށްފައިވެއެވެ. ޖަރުމަނުން އެންމެ ފުރަތަމަ ޔޫރޯ ކާމިޔާބު ކުރީ 1972 ވަނަ އަހަރު ވެސްޓް ޖާމަނީގެ ގޮތުގައި އޮވެގެންނެވެ. ފްރާންޒް ބެކައުންބާއޫގެ ކެޕްޓަން ކަމުގެ ދަށުގައި ޖަރުމަނުން އެ މުބާރާތް ކާމިޔާބުކުރިއިރު، އޭނާއަކީ ޖަރުމަނުގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.

ދުނިޔޭ ފުޓުބޯޅައިގެ ގަދަ ބާރު ޖަރުމަނުން 1976 ވަނަ އަހަރު ޔޫރޯގެ ފައިނަލްވެސް ކުޅުނެވެ. އަދި 1980 ވަނަ އަހަރު އަނެއްކާވެސް ޔޫރޯގެ ތަށި ހޯދިއެވެ. އަބަދުވެސް އެއް ފަންތިއެއްގައި ގިނަ ދުވަސްތަކެއް ވަންދެން ޖަރުމަނު ފުޓުބޯޅަ ދަމަހައްޓާފައިވާކަން ފާހަގަވަނީ އެފަދަ ރެކޯޑުތަކުންނެވެ. އެގައުމުގެ ފުޓުބޯޅަ ސިސްޓަމަކީ މުޅި ދުނިޔޭގައިވެސް އޮތް އެންމެ ކާމިޔާބު ފުޓުބޯޅަ ސިސްޓަމެވެ. 1988 ވަނަ އަހަރު ޔޫރޯގެ ސެމީން ޖަރުމަނު ކަޓާފައިވީ ނަމަވެސް، 1996ވަނަ އަހަރު އަނެއްކާވެސް އެޓީމުން ޔޫރޯ ކާމިޔާބު ކުރިއެވެ.

އެ އަހަރު ޔޫރޯ ތަށްޓާ ހަމައަށް ދިޔައީ ސެމީ ފައިނަލްގައި ޕެނެލްޓީ ޖަހައިގެން އިންގްލެންޑް ކަޓުވާލުމަށްފަހުއެވެ. ޔޫރޯގެ ތަށި އިންގްލެންޑަށް އަދި ހޯދިފައި ނުވާއިރު، ޔޫރޯގައި އިންގްލެންޑަށް ތަށްޓާ އެންމެ ގާތަށް ވެސް ދެވުނީ ތިންވަނައާ ހަމައަށެވެ. އެއީ 1968 ވަނަ އަހަރާއި 1996 ވަނަ އަހަރުއެވެ. 1996 ވަނަ އަހަރުގެ ޔޫރޯ މުބާރާތް އިންގްލެންޑުގައި ބާއްވައި، އެ ޔޫރޯއަކީ އިންގްލެންޑަށް އުންމީދު ބޮޑުކޮށް އޮތް މުބާރާތެއް ނަމަވެސް އެ މުބާރާތުގައި ވެސް ސެމީން އިންގްލެންޑް ކެޓީ ހިތްދަތި ގޮތަކަށެވެ. އެ މުބާރާތުގެ ބަދުނަސީބު ހަނދާންތައް އެންމެ ބޮޑަށް ގުޅިފައި ވަނީ މިހާރު އިނގިރޭސި ކޯޗުކަމުގައި ހުރި ގެރެތު ސައުތުގޭޓާއެވެ.

ޖަރުމަނާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ދެޓީމުންވެސް ފުރަތަމަ ފަސް ޕެނެލްޓީ ކާމިޔާބުކޮށް ޕެނެލްޓީ ޝޫޓްއައުޓް ދިގުލައިގެން ދިޔައިރު، ހަވަނަ ޕެނެލްޓީ ޖަރުމަނުން ވެއްދި ނަމަވެސް، އިންގްލެންޑަށް ވީ ނާކާމިޔާބެވެ. އެ ފަހަރު އިންގްލެންޑަށް ނާކާމިޔާބު ވި ޕެނެލްޓީ ޖެހީ މިހާރުގެ ކޯޗު ގެރެތު ސައުތު ގޭޓެވެ.

"އެ ޕެނެލްޓީގެ ހަނދާންތައް މިރޭގެ މެޗާ ގުޅުމެއް ނެތް،" މެޗުގެ ކުރިން ސައުތުގޭޓް ބުނެފައިވެއެވެ.

އެހެންނަމަވެސް އެ ހަނދާންތައް ފިލައިގެންދާނެ އެއްވެސް ގޮތެއް ނޯންނާނެކަން ޔަގީނެވެ. އެއީ ސައުތުގޭޓަށް މުޅި ގައުމުގެ ފުރައްސާރަ ކުރިމަތިވި ޕެނަލްޓީއެކެވެ. މާޔޫސްކަމާއެކު މުޅި އާއިލާއަށް އެކަމުގެ އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށް ފަހުންވެސް ސައުތުގޭޓް ބުނެފައިވެއެވެ. އެ އުނދަގޫތަކުން އަރައިގަނެ ކޯޗިން ކެރިއަރުގައި ފައިހަމަ ކުރަމުންދާއިރު، އެ މުބާރާތުގައި އިންގްލެންޑްގެ ގޯލް ބެލެހެއްޓި ޑޭވިޑް ސީމަންގެ ނަޒަރުގައި ހިތްދަތި ޕެނަލްޓީ ވާނީ ސައުތުގޭޓަށް ހިތްވަރަކަށެވެ.

" އެކަމުގެ މާޔޫސްކަން ހުންނާނެ. އެކަމަކު އެ ހަނދާންތައް ސައުތުގޭޓް ބޭނުންކުރާ ހިތްވަރެއްގެ ގޮތުގައި. މުޅި ޓީމަށް ސައުގޭޓް ބުނާނެ އެ ޕެނެލްޓީގެ ނާކާމިޔާބީ ބަދަލުކުރަން، ކޯޗަށް މޮޅު ހޯދައިދޭން ތިބީ ކުޅުންތެރިންނޭ. ކޯޗުގެ ހިތްދަތި ހަނދާންތައް އުފާވެރިކަމަށް ބަދަލުކޮށްލަން ކުޅުންތެރިން މިރޭގެ މެޗުގައި މަސައްކަތް ކުރާނެ. މޮޅު ހޯދަން މަސައްކަތް ކުރާނީ ކޯޗުންނަށް،" އިންގްލެންޑަށް 75 މެޗު ކުޅެފައިވާ ގޯލްކީޕަރު ސީމަން ބުނެފައިވެއެވެ.

ސީމަންގެ ނަޒަރުގައި އިންގްލެންޑަށް މިފަހަރު އުންމީދު ބޮޑެވެ. މިއީ ހުނަރުވެރި ވަރުގަދަ ސްކޮޑެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އިންގްލެންޑާއި ޖަރުމަނު ވާދަކުރާ މެޗު އޮންނާނީ 21:00 ގައި ވެމްބްލީގައެވެ.