ރާއްޖޭގެ އެއާޕޯޓު ތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ، އެއާޕޯޓް ސާވިސް ޗާޖް ނެގުން އަންނަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހުއްޓާލައި، އާ ޓެކުހެއްގެ ގޮތުގައި ޑިޕާޗާ ޓެކްސް ނަގަން ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީ، (ކޮމިޓީ އޮފްދަ ހޯލް ހައުސް) އިން މިއަދު ފާސްކޮށްފިއެވެ.
ކޮމިޓީން މިގޮތަށް ފާސް ކުރީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި، ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ހިމަނައި އެ ކޮމިޓީން އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުމުންނެވެ.
އެގޮތަށް ބިލު ފާސްކުރީ އެވަގުތު ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި 52 މެންބަރުންގެ ތެރެެއިން 43 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވިއެވެ.
އެ ބިލުގައި ބުނެފައި ވަނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން ނަގަމުން އަންނަ 25 ޑޮލަރުގެ، އެއާޕޯޓް ސާވިސްޗާޖް ނަގާނީ އަންނަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ކަމަށެވެ.
އަލަށް ތައާރަފު ކުރުމަށް އެ ބިލުގައި ހިމަނާފައިވާ ޑިޕާޗާ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވެސް ބުނެފައި ވެއެވެ.
ޑިޕާޗާ ޓެކްސް ނެގުމުގައި ފްލައިޓުން ދަތުރު ކުރާ ކެޓަގަރީއަށް ބަލައި ޓެކްސް ނަގާ އަދަދަށް ބަދަލު ގެނެސްފައިވެއެވެ.
އެބަދަލުގައި އިކޮނޮމިކް ކްލާހުގައި ދަތުރު ކުރާ ދިވެހީންގެ އަތުން މިހާރުވެސް ނަގަމުން އަންނަ އެއާޕޯޓް ސާވިސްޗާޖާ އެއްވަރަށް ޑިޕާޗާ ޓެކްސް ނަގަން ހިމަނާފައި ވީ ނަމަވެސް އެހެން ބައިތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން އިކޮނޮމިކް ކްލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު ބިދޭސީންގެ އަތުން 30 ޑޮލަރު، އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ފަސްޓްކްލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުން ނެގުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.
ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދީން، ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާ ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިހާރު ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމަށް ވެސް ބައެއް ބަދަލުތައް ގެނައުމަށް އިސްލާހުގައި ވަނީ ހިމަނައިފައެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މިހާރު ނަގަމުން އަންނަނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރެވެ.
ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އެއަށްވެސް ބަދަލު ގެންނަން ބިލުގައި ވަނީ ހިމަނައިފައެވެ. އެގޮތުން ޑިޕާޗާ ޓެކްސް އާ އެއްގޮތަށް އަދަދު ތަކަށް ބަދަލު ގެނައުމަށް ވަނީ ހިމަނައިފައެވެ.
އެހެންކަމުން ޖެނުއަރީ އެކަކުން ފެށިގެން އެއާާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަމުން ގެންދާނީ އިކޮނޮމިކް ކްލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު ބިދޭސީންގެ އަތުން 30 ޑޮލަރު، އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ފަސްޓްކްލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުގެ ގޮތުުގައި ކަމަށް ބިލުގައި ހިމަނާފައިވެއެވެ.
މި ބިލު ކޮމިޓީ އޮފްދަ ހޯލް ހައުސް އިން މުޅި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވަނީ ނިންމައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް