ޔޫރޯ 2020ގެ ގަދަ 16 އިން ފްރާންސް ކަޓައިގެން ދިޔައީ ސްވިޒަލޭންޑާ ދެކޮޅަށް ރޭ ކުޅުނު އާދަޔާހިލާފު ފޯރިގަދަ މެޗުގައި ޕެނެލްޓީ ޖަހައިގެންނެވެ. ބުޗަރެސްޓްގެ ނޭޝަނަލް ބުޗަރެސްޓް އެރީނާގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ނިމުނު އިރު 3-3 ގައި ނަތީޖާ އެއްވަރުވެފައި އޮތުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީގައެވެ. ސްވިޒަލޭންޑުން ފުރަތަމަ ފަސް ޕެނެލްޓީ ކާމިޔާބުކޮށްފައި ވަނިކޮށް، ފްރާންސްގެ ފަންވަނަ ޕެނަލްޓީ ޖަހަން ގޮސް، އެޓީމުގެ ތަރި ކިލިއަން އެމްބާޕޭ ޖެހި ބޯޅަ ވަނީ ސްވިޒަލޭންޑް ގޯލްކީޕަރު ޔޭން ސޮމާ މަތަކޮށްފައެވެ.
އެ ނަތީޖާއަކީ ހައިރާން ކުރުވަނިވި ނަތީޖާއެކެވެ. ފްރާންސުން މެޗަށް ނުކުތީ ދުނިޔޭގެ ޗެމްޕިއަނުން ގޮތުގައެވެ. 1984 އާއި 2000 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކުރި ފްރާންސުން ގަދަ 16 އަށް ދަތުރު ކުރީ ގުރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ފްރާންސުން ވަނީ ގުރޫޕް ސްޓޭޖުގައި ވަރުގަދަ ޖަރުމަނު ބަލިކޮށް، އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލާއި ހަންގޭރީއާ އެއްވަރުކޮށްފައެވެ. އަނެއްކޮޅުން ނުކުންނަ ސްވިޒަލޭންޑަކީ ގުރޫޕް އޭގެ ތިންވަނަ ޓީމެވެ. އެހެންކަމުން ނަތީޖާވީ ޝޮކަކަށެވެ.
"އަހަރެން މައާފަށް އެދެން ޕެނެލްޓީއަށް. އަހަރެން ބޭނުންވީ ޓީމަށް އެހީތެރިވާން، އެކަމަކު އަހަރެން ފެއިލްވި. ނިދަންވެސް އުނދަގޫވާނެ. އެކަމަކު މިއީ އަހަރެން އެންމެ ލޯބިވާ ފުޓުބޯޅައިގެ ރިސްކަކީ. ސަޕޯޓަރުން މާޔޫސްވެފައި ތިބޭނެކަން އެނގޭ. ނަމަވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެނބުރި އަންނަން މަސައްކަތް ކުރާނަން،" އެމްބާޕޭ ރޭގެ މެޗަށްފަހު ބުނެފައިވެއެވެ.
ޒުވާން ތަރި އެމްބާޕޭއަކީ ފްރާންސްގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. މި މުބާރާތުގައި އެންމެ އެކަށީގެންވާ ކުޅުމެއް އޭނާއަށް ނުދެއްކުނު ނަމަވެސް ފްރާންސުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ނެގި އިރު އެމްބާޕޭ ވަނީ މޮޅަށް ކުޅެފައެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އެމްބާޕޭއެވެ. ހާއްސަކޮށް ފައިނަލުގައި ގޯލް ޖަހައި އޭނާ ވަނީ ޕެލޭގެ ކަމިޔާބީއެއްވެސް ތަކުރާރު ކޮށްފައެވެ. އެމްބާޕޭއަކީ ފުރާވަރުގައި ވޯލްޑް ކަޕް ފައިނަލެއްގައި ގޯލް ޖެހި ދެވަނަ ކުޅުންތެރިޔާއެވެ. ކުރިން އެފަދަ ތާރީހެއް އޮތް ހަމައެކަނި ކުޅުންތެރިޔަކީ ޕެލޭއެވެ.