ޚަބަރު

އެމްއެމްޕީއާރުސީއަށް މިލިއަން ޑޮލަރު ދޭން މޮންޓެލިއަންއަށް ކުރި ހުކުމުގެ އިސްތިއުނާފް ކުރިއަކަށް ނުގެންދިޔަ

އިބްރާހިމް ޒަކީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ) އަށް 1.1 މިލިއަން ޑޮލަރު ދެއްކުމަށް މޮންޓެލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އެމްއެމްޕީއާރުސީ އާއި މޮންޓެލިއަންއާ ދެމެދު ސޮއިކޮށްފައިވާ ޕްރޮމިސަރީ ނޯޓަށް މޮންޓެލިއަން އިން އަމަލުކޮށްފައި ނުވާތީ، އެ އެއްބަސްވުމުގެ ދަށުން މޮންޓެލިއަންގެ ފަރާތުން އެމްއެމްޕީއާރުސީއަށް ދޭންޖެހޭ ޖުމުލަ 1.1 މިލިއަން އެމެރިކާ ޑޮލަރު، ޝަރީއަތް މެދުވެރިކޮށް އެކީ އެއްފަހަރާ ހޯދުމަށް އެދި އެމްއެމްޕީއާރުސީން ދައުވާ ކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައި އެކޯޓުން ކުރި ހުކުމުގައި ވަނީ، އަނބުރާ ދައްކާ ގޮތަށް އެމްއެމްޕީއާރުސީން މޮންޓެލިއަން އަށް 1.1 މިލިއަން ޑޮލަރު ދޫކޮށްފައިވާކަން، މޮންޓެލިއަން އިން ވެފައިވާ އިއުތިރާފުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.

އަދި ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން މޮންޓެލިއަންގެ ފަރާތުން އެމްއެމްޕީއާރުސީ އަށް ފައިސާގެ އެއްވެސް މިންވަރެއް ދައްކާފައިވާކަން ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތު ނުވާތީ، މި ދައުވާގައި މޮންޓެލިއަންގެ ކިބައިން ހޯދުމަށް އެމްއެމްޕީއާރުސީން އެދިފައިވާ 1.1 މިލިއަން ޑޮލަރަކީ މޮންޓެލިއަންގެ ފަރާތުން އެމްއެމްޕީއާރުސީ އަށް ދޭންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، ކޮންމެ މަހަކަށް ޖެހޭ މިންވަރެއް އެމަހަކު ސިވިލް ކޯޓަށް ދައްކައި، ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމާމެދު ހިތްހަމަނުޖެހިގެން، މޮންޓެލިއަންގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. މައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުމުގައި ވަނީ، އެ މައްސަލައިގައި އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް ކޯޓުން ދިން ފުރުސަތުގައި އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިނުވާ ކަމަށެވެ.

އެހެންކަމުން މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް މޮންޓެލިއަން އަށް ދިން ފުރުސަތުގައި އެ ނުކުތާތައް ހުށަހަޅާފައި ނުވާތީ، މި މައްސަލަ އިތުރަށް ބަލައި ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކުރާ ކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

މި މައްސަލަ ބެއްލެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި، ހައިކޯޓުގެ އިސް ފަނޑިހާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާއެވެ.