ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 4,960 އަކަ މީޓަރުގެ ސަރަހައްދެއްގައި ހިނގާ މީހުންނަށް އަދި 17,790 އަކަ މީޓަރުގެ ސަރަހައްދެއް ދުއްވާ އެއްޗިއްސަށް ހާއްސަކޮށްގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި ސާވިސް ލައިން އެޅުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ ކުރިން ވެސް ދުވާފަރުގެ ބައެއް މަގުތަކުގައި ވަނީ ތާރު އަޅާފަ އެވެ. ޕޭސް އެކެއްގެ އެ މަސައްކަތް ނިންމާލާފައި ވަނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހުއެވެ. މިހާރު ކުރިއަށް ދަނީ ފޭސް ދޭއްގެ ދަށުން ތާރުއެޅުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ޖުމުލަ އަގަކީ 37.8 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީން އަންނަނީ ދުވަފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން، 22.2 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު