ޔޫރޯ 2020

މުޅި ދުނިޔެ ސިހުމަކަށް، ފްރާންސްގެ ތަރި އެމްބާޕޭގެ ޕެނަލްޓީ ނާކާމިޔާބުވެ ސްވިޒަލެންޑް ކުއާޓާއަށް

1

ޔޫރޯ 2020 ގެ ގަދަ 16 ގައި ފްރާންސް ބަލިކޮށް ސްވިޒަލޭންޑުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސްވިޒަލޭންޑުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކަޓުވާލީ ޕެނަލްޓީގައި 5-4 އިން ކުރި ހޯދައިގެންނެވެ.

ބުޗަރެސްޓްގެ ނޭޝަނަލް ބުޗަރެސްޓް އެރީނާގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި، އިތުރު ވަގުތު ނިމުނުއިރު 3-3 ގައި ނަތީޖާ އެއްވަރުވެފައި އޮތުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީގައެވެ. މެޗުގައި ފެނިގެންދިޔައީ ފުޓުބޯޅައިގެ ފޯރިގަދަ، ގަބޫލުކުރަން ދަތި މަންޒަރުތަކެކެވެ. މިރޭ ގަދަ 16 ގައި ކުޅުނު ފުރަތަމަ މެޗުވެސް ޝައުގުން ފުރިގެންވާ މެޗަކަށް ވެގެން ދިޔައިރު، މި މެޗުވެސް ނިމުނީ އެފަދަ މެޗެއްގެ ގޮތުގައެވެ.

ފްރާންސުން މެޗަށް ނުކުތީ ދުނިޔޭގެ ޗެމްޕިއަނުން ގޮތުގައެވެ. 1984 އާއި 2000 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ފްރާންސުން ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ފްރާންސުން ވަނީ ގްރޫޕް ސްޓޭޖުގައި ވަރުގަދަ ޖަރުމަނު ބަލިކޮށް، އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލާއި ހަންގޭރީއާ އެއްވަރުކޮށްފައެވެ. އަނެއްކޮޅުން ނުކުންނަ ސްވިޒަލޭންޑަކީ ގްރޫޕް އޭގެ ތިންވަނަ ޓީމެވެ އެޓީމުން ގަދަ 16 އަށް ދިޔައީ ވޭލްސްއާ އެއްވަރުކޮށް، ތުރުކީ ބަލިކޮށްގެންނެވެ. ސްވިޒަލޭންޑް ގްރޫޕް ސްޓޭޖުގައި ބަލިވީ އިޓަލީ އަތުން އެކަންޏެވެ.

މިވަގުތު ދުނިޔޭގެ ފުޓުބޯޅައިގައި ބަލިކުރަން އެންމެ އުނދަގޫވާނެ ޓީމަކީ ފްރާންސް ކަމަށް ދަނެގެން މެޗަށް ނުކުތް ސްވިޒަލޭންޑުންވެސް ގެންގުޅުނީ ޑިފެންސިވް ޓެކްޓިކްސްއެވެ. ފްރާންސްގެ ދުވެލި ބާރު ފޯވަޑްލައިން ހިފަހައްޓަން ސްވިޒަލޭންޑުންވެސް ފުރިހަމައަށް ތައްޔާރުވެފައި އޮތްކަން މެޗުގެ ކުރީކޮޅުގައި ފެނިގެން ދިޔައެވެ. ކިލިއަން އެމްބާޕޭއާއި ކަރިމް ބެންޒެމާ ހިފެހެއްޓުމުގައި ސްވިޒަލޭންޑުން މެޗުގެ ކުރީކޮޅުގައި ވަރުގަދައަށް ހިތްވަރު ކުރިއެވެ.

މެޗަށް ނުކުތްއިރު ފްރާންސަށް ބޮޑު މާޔޫސްކަމެއް އޮތެވެ. ފްރާންސްގެ ދެ ލެފްޓް ބެކުން ކަމަށްވާ ތިއޯ ހެނާންޑޭޒާއި ލޫކަސް ޑީނޭއަށް އަނިޔާވުމުގެ ސަބަބުން މި މެޗުގައި ފްރާންސް ކުޅޭ ފޯމޭޝަން ބަދަލުކުރަން ކޯޗަށް ވަނީ ޖެހިފައެވެ. ވިންގް ބެކުންގެ ފޯމޭޝަނަކަށް ފްރާންސުން މެޗަށް ނުކުތީ ބާސާގެ ފަހަތަށް ކުޅެމުންދާ ކްލެމެންޓް ލެންގްލޭ ފުރަތަމަ 11 ގައި ހިމަނައިގެންނެވެ.

މެޗުގެ ކުރީކޮޅުގައި ހިތްވަރާއެކު ކުޅެމުންދިޔަ ސްވިޒަލޭންޑުން ބެލުންތެރިން ސިއްސުވާލީ "ސަޕްރައިޒް" ލީޑަކާ އެކުގައެވެ. ސްޓިވަން ޒޫބާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް ލީޑު ނަގައިދިނީ ހެރިސް ސެފެރޮވިޗެވެ. ދުނިޔޭގެ ޗެމްޕިއަން ސިހުނެވެ. ގްރޫޕް ސްޓޭޖުގައިވެސް ފްރާންސްގެ އެންމެ ފެންވަރު ރަނގަޅު ކުޅުން ނުފެނި އޮތް ކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވާ އިރު، އެތަން މިރޭވެސް މެޗުގެ ކުރީކޮޅުގައި ފެނުނެވެ.

ގޯލާއެކު ފްރާންސުން އިތުރު އެޕްރޯޗަކުން ހަމަލާތައް ދުރުން އުފައްދަން މަސައްކަތް ކުރިކަން ފާހަގަވިއެވެ. އެމްބާޕޭއާއި އެޑްރިއަން ރެބިއޮޓް ދުރުން ފޮނުވާލި ބާރު ހަމަލާތައްވެސް ދިޔައީ ގޯލާ އަމާޒު ނުވެއެވެ. ފްރާންސުން ކުރިއަށް ޖެހި ޕްރެޝަރު ކުރިއިރުވެސް، ލިބޭ ބޯޅައިގައި ސްވިޒަލޭންޑުން ކުރިއަށް ޖެހުމުގައި ހަމަޖެހިލައިގެން ޕާސްތައް ޖަހާކަން ފާހަގަވެގެން ދިޔައެވެ. ރަނގަޅު ޓެމްޕޯއެއްގައި ފުރަތަމަ ހާފުގައި ކުޅުނު ސްވިޒަލޭންޑުގެ ފަރާތުން ފެނިގެން ދިޔައީ ފުރިހަމަ ޓެކްޓިކަލް ވިސްނުމެކެވެ. އެޓީމުން ދުނިޔޭގެ ޗެމްޕިއަނުންނަށް ގޯލަށް އަމާޒުކޮށް ޝޮޓެއް ހެދިޔަ ނުދީއެވެ.

ފްރާންސުން ނަތީޖާ އަނބުރާލަން މަޖުބޫރުވެފައި އޮވެ ދެވަނަ ހާފަށް ނުކުތްތަނުން އެޓީމަށް އިތުރު ޝޮކެއް ލިބުނެވެ. މެޗުގެ 53 ވަނަ މިނެޓުގައި ޒޫބާއަށް ބެންޖަމިން ޕަވާޑް، ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ކުރުމުން، މެޗުގައި ރެފްރީކަން ކުރަމުން ދިޔަ އާޖެންޓީނާ ރެފްރީ ވަނީ ވީއޭއާރު ބެލުމަށްފަހު ސްވިޒަލެންޑަށް ޕެނަލްޓީއެއް ދީފައެވެ.

ޕެނެލްޓީއާއެކު ފްރާންސުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ކަރު އެލުވާލަން ޖެހުނު ނަމަވެސް ކެޕްޓަން ހޫގޯ ލޮރިސް ވަނީ ހުޝިޔާރު ކަމާއެކު ޕެނެލްޓީ ދިފާއުކޮށް، ފްރާންސަށް އުންމީދު ގެނެސްދީފައެވެ. ކެޕްޓަން ލޮރިސްގެ އެ ސޭވްއާއެކު ފްރާންސުން ޗެމްޕިއަނުންގެ ހިތްވަރު ނެރުނެވެ. މެޗުގެ ކުޅުން ފްރާންސްގެ އަތް ދަށަށް ގެނެސް ފުލުފުލުގައި ދެ ގޯލުވެސް ޖެހިއެވެ. ދެ ގޯލުވެސް އައީ ބާކީވެ ހުރުމަށްފަހު ޔޫރޯއަށް ޓީމާ ގުޅުނު ކަރިމް ބެންޒެމާ ފަރާތުންނެވެ. އޭނާގެ ބޭނުން ފްރާންސަށް އެންމެ ބޮޑަށް ޖެހުނު ވަގުތު، "ހީރޯ"އެއްގެ ކުޅުން ދައްކާލިއެވެ.

މިފަހަރުގެ ގައުމީ ޓީމަށް ބެންޒެމާ އަލުން އައީ މެދު ކެނޑުމަކަށްފަހުއެވެ. 2015 ވަނަ އަހަރާ ހަމައަށް ފްރާންސަށް ކުޅެ، 27 ގޯލު ޖަހައިދިނުމަށްފަހު ބެންޒެމާ ގައުމީ ޓީމުން ބޭރުކުރީ ބްލެކްމެއިލްގެ މައްސަލައެއްގައެވެ. ފްރާންސަށް ބެންޒެމާއާއެކު ކުޅެމުންދިޔަ މަތިއު ވަލުބުއޭނާ ބްލެކްމެއިލް ކުރި މައްސަލައެއްގައި ބެންޒެމާއާ ފްރާންސްގެ ފެޑަރޭޝަން މައްސަލަތަކެއް ޖެހި މިއަހަރުގެ ޔޫރޯއާ ހަމައަށް އޭނާ ނަގަން ކޯޗު ވަނީ އިންކާރުކޮށްފައެވެ.

އޭގެ ފަހުން ބެންޒެމާ އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެންވެސް މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް މައްސަލަތައް ހައްލު ނުވެ އޮތުން އޭނާއަށް ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ފުރުސަތު ގެއްލިފައެވެ.

ފްރާންސުން ދެ ގޯލާއެކު ޕްރެޝަރު ދުއްވާލައި އުފާވެރި ފުޓުބޯޅައެއް ކުޅެމުންދިޔަ މަންޒަރު ފެނުނެވެ. ހަމަލާތައް ފުލުފުލުގައި އުފެއްދިއިރު، ހިތްގައިމު ގޯލަކާއެކު ޕޮގްބާ ވަނީ ބެލުންތެރިން ހައިރާން ކޮށްލައިފައެވެ. އޭރިއާ ބޭރުން ހިތްގައިމު ކާވްއެއްލާފައި ޕޮގްބާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ.

އެ ގޯލާއެކު ފްރާންސުން ވަރަށް ބޮޑަށް ހަމަޖެހިލި ނަމަވެސް އެޓީމަށް ނޭވާލުމަށްވެސް ސްވިޒަލޭންޑުން ފުރުސަތު ދީފައެއް ނުވެއެވެ. އެމްބާބޫ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ބޯޅައާއެކު ސެފެރޮވިޗް ވަނީ ސްވިޒަލޭންޑަށް ފަރަގު ކުޑަކޮށްދީފައެވެ. އަނެއްކާވެސް ފްރާންސަށް ސަމާލުވާން މަޖުބޫރުވިއެވެ. ސަމާލުވެ ތިބި ނަމަވެސް ފްރާންސް ސަލާމަތެއް ނުވިއެވެ. މެޗުގެ ފަހު މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ގަވްރޮނޮވިޗް ޖެހި ގޯލާއެކު ސްވިޒަލޭންޑުން 3-3 އަށް ނަތީޖާ ބަދަލުކޮށްލިއެވެ. މެޗު އިތުރު ވަގުތުގެ ކުޅުމަށް ދިޔައެވެ.

ޔޫރޯގައި މިރޭ ފެނުނު ދެ މެޗުގައިވެސް ގިނަ ގޯލުތަކެއް ފެނި، ޝައުގުވެރި އެތައް މަންޒަރެއް ފެނިގެން ދިޔަ އިރު، މިއީ ފުޓުބޯޅައިގެ އާދަޔާ ހިލާފު ރެއެއްގެ ގޮތުގައި އެތަކެއް ސަޕޯޓަރުންނެއް ދަނީ ސިފަކުރަމުންނެވެ.

އިތުރު ވަގުތުގެ ކުޅުން ފެށިތަނާ ބެންޒެމާއަށް އަނިޔާވެ އޮލިވިއާ ޖިރޫ އަރުވަން ޖެހުނެވެ. ފްރާންސުން ހާފުގެ ކުރީކޮޅުގައި ރަނގަޅަށް ކުޅެމުންދިޔަ އިރު، ޕަވާޑްގެ ނުރައްކާތެރި ހަމަލާއެއް ސްވިޒަލޭންޑް ގޯލްކީޕަރު ސޮމާ މަތަކުރިއެވެ. ދެވަނަ ހާފުގައި ފްރާންސްގެ ދެ ހަމަލާވެސް ފެނުނީ އެމްބާޕޭގެ ފަރާތުންނެވެ. އޭނާއަށް ލިބުނު ދެ ފުރުސަތުގައި ފޮނުވާލި ހަމަލާވެސް ގޯލާ އަމާޒެއް ނުވިއެވެ.

ނަތީޖާ 3-3 ގައި އޮވެ މެޗު ދިޔައީ ޕެނަލްޓީއަށެވެ. ޕެނެލްޓީގައި ދެޓީމުން ފުރަތަމަ ޖެހި ޕެނަލްޓީތައް ވައްދާފައިވާ އިރު، ސްވިޒަލޭންޑުން ހަތަރުވަނަ ޕެނަލްޓީ ޖެހި ވާގަސްގެ ޕެނަލްޓީ ލޮރެސްއަށް މަތަނުކުރެވި ދިޔައީ ކިރިޔާއެވެ. ބޯޅަ ގޯލަށް ވަނީ ލޮރިސް އަތުގައި ޖެހިފައެވެ. ފަސްވަނަ ޕެނަލްޓީ ފްރާންސަށް ނާކާމިޔާބު ކޮށްލީ އެމްބާޕޭއެވެ.

މެޗުން މޮޅުވެ އޮސްޓްރިއާ ކުއާޓާގައި ކުޅެން ޖެހޭނީ ސްޕެއިންއާ ދެކޮޅަށެވެ.