ޖީންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރި ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރަން އެދިވަޑައި ނުގަންނަވާނެ ކަމަށް ޕްރޮސިކިއުޓަރު ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ރާއްޖޭގައި ނެތި ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓް އަލުން ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށްވެސް ޕީޖީން ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ.
ވޭތުވެދިޔަ ހަފުތާގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިނގައި ދިޔަ މުހިންމު ހާދިސާތަކާ ގުޅޭ މައުލޫމާތު އަމިއްލަ ބްލޮގުގައި ހިއްސާ ކުރައްވަމުން ޕީޖީ ޝަމީމު ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދުނު ނަމަވެސް އެކޯޓުން އަމުރު ނެރެދީފައިނުވާ ކަމަށެވެ.
"އެކަން ނިންމަވާނީ މައްސަލަ ބައްލަވާ ފަނޑިޔާރު. އަޅުގަނޑުމެން ގަސްދެއް ނުކުރަން މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުކޮށްދޭން އެދޭކަށް. އަދި ކިތަންމެ އަޅުގަނޑުމެން ހިތްހަމަނުޖެހޭ ގޮތަކަށް މައްސަލަ ކުރިއަށް ގެންދެވިޔަސް،" ޕީޖީ ޝަމީމު ވިދާޅުވިއެވެ.
މައްސަލައިގައި ހިމެނޭ ހަސްމަކު ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު އެ މައްސަލައެއް ބައްލަވާ ފަނޑިޔާރު ބަދަލު ކޮށްދޭން އެދުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ދެ ނަތީޖާއެއް ނުކުންނަ ކަމަށާއި ނަމަވެސް އެ ދެ ގޮތުން އެއް ގޮތެއްވެސް ވާން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.
''އެއް ނަތީޖާއަކީ ހަސްމުން ބޭނުން ވެގެން ފަނޑިޔާރުން ބަދަލުކުރުން ނުވަތަ އައްޔަނު ކުރުން. އަނެއް ކަމަކީ ފަނޑިޔާރު އަމިއްލަފުޅަށް އެ މައްސަލަ ދޫކޮށްލަން ބޭނުމިއްޔާ މިސާލަކަށް މާ އުނދަގޫ މައްސަލައަކަށް ވަންޔާ ވަރަށް ބޮޑަށް އެއް ފަރާތަށް ދަތިކޮށްގެން އެމީހާ އެދިގެން ބަދަލު ވެވޭނެ ގޮތެއް ހޯދުން،" ޝަމީމް ވިދާޅުވި އެވެ.
ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދުގެ ޝަރީއަތުގެ މަޖިލީހެއް ކްރިމިނަލް ކޯޓުގައި ވަނީ މިދިޔަ ބުދަ ދުވަހު ބާއްވައިފައެވެ. އެ ޝަރީއަތުގައި އަލީ ވަހީދު ބައިވެރިވެފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް، އޮންލައިންކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު