އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސާފުކޮށްދޭން އެދުނު ކަންކަން ފުރިހަމަކޮށް، ލިޔުމަކުން ފޮނުވާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީގެ އޮފިޝަލަކު 'ވަން' އަށް މިއަދު ވިދާޅުވީ، މަހުލޫފުގެ މައްސަލައިގައި ބައެއްކަންކަން ސާފުކޮށްދިނުމަށް ޕީޖީ އޮފީހުން އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އަދި އެދުނު ކަންތައްތައް ސާފުކޮށްދިނުމަށް ފަހު އެ ސިޓީގެ ޖަވާބު އިއްޔެ ފޮނުވާފައިވާނެ ކަމަށެވެ.
ނަމަވެސް ޕީޖީ އޮފީހުންވެސް އޭސީސީންވެސް އެ ކަންތައްތަކުގެ ތަފުސީލެއް ހިއްސާއެއް ނުކުރިއެވެ.
މަހުލޫފުގެ މައްސަލަ ޕީޖީއަށް ފޮނުވުމަށްފަހު އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގައި އަހުމަދު މަހުލޫފު ވޯޓު ދީފައި ވަނީ ސަރުކާރާ އެއްކޮޅަށް ބިލު ފާސްކުރުމަށް ކަމާއި އެސްއޯއެފްގެ ޗެކަކުން އަހުމަދު މަހުލޫފުގެ އެކައުންޓަށް 33,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެން އޮތް އިރު، އެ ވޯޓަށްފަހު އަހުމަދު އަދީބު އަބްދުލްޣަފޫރާއި އަހުމަދު މަހުލޫފާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކު އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާއި ގުޅުވުމުން، އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހުމަދު އަދީބު، އަހުމަދު މަހުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެއެވެ،" އޭސީސީގެ ބަޔާނުގައިވެއެވެ.
އޭސީސީން އިތުރަށް ބުނީ، އެ ފައިސާއަކީ ޑޮލަރު ގެނެވިއްކުމަށް އެސްއޯއެފްއާ އެކު ކޮށްފައިވާ މުއާމަލާތެއް ކަމަށް ވިދާޅުވެ މަހުލޫފުގެ ފަރާތުން އޭސީސީއަށް 'ޕޭމަންޓް ރިސީވްޑް' ލިޔުމެއް ހުށަހެޅި ނަމަވެސް އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން ތަހުގީގަށް އެގެން ނެތް ކަމަށެވެ.
މި މައްސަލައާ މެދު ޕީޖީން ވަކިގޮތެއް ނިންމަންދެން ރައީސޫލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު