ސިޔާސީ މަންފާއެއް ހާސިލް ކުރުމަށްޓަކައި އެއްވެސް އަސާސެއްނެތި ގާނޫނާ ހިލާފަށް މީހުން ހިފާ ހައްޔަރު ނުކުރެވޭނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން މިގޮތަށް ބުނެފައި މިވަނީ ގިނަ ބަޔަކު ހިފައި ހައްޔަރުކޮށްގެންވެސް، ރާއްޖެއަށް ދިމާވާން އުޅޭ ކަންކަމުން އަރައި ގަންނަން އެބަ ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށްޓަކައި އެއްވެސް އަސާސެއްނެތި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް މީހުން ހިފާ ހައްޔަރު ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް މީހަކު ހިފާހައްޔަރުކޮށްފައި ބެހެއްޓޭނެ ގޮތްތައް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައްޔާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 58 ވަނަ މާއްދާ އާއި 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާ ގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

"އެހެންކަމުން ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ މި ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަން،" އިދިކޮޅުން ބުންޏެވެ.

ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން މަސަައްކަތްކުރުމަކީ އެ ކޯލިޝަނުން އަބަދުވެސް ގަބޫލުކުރާ ގޮތް ކަމަށާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޓެޒަރިޒަމް ހުއްޓުވުމަށްޓަކައި އެގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.

އެހެން ނަމަވެސް ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް މީހަކު ހިފާ ހައްޔަރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނު އަސާސީގެ ރޫހާއި ޑިމޮކްރެސީގެ ހަމަތަކާ މުޅިން ހިލާފު ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

އެއްވެސް މީހަކު ހައްޔަރު ކުރަންވާނީ އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ އިތުރު ހެކިތައް ހުރެގެން. އަދި މީހަކު ހިފާ ހައްޔަރުކޮށްފައި ބެހެއްޓޭނީ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވާ ހާލަތެއް އޮވެގެން. އެހެންކަމުން ކުށެއްނެތް މައުސޫމް މީހުން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ހިފާ ހައްޔަރުކޮށް އަނިޔާވެރިކަން އިސްނުކުރުމަށް ސަރުކާރަށް ގޮވާލަން. އަދި ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ލިޔެވިފައިވާ ގޮތުގެ މަތިން ކަންކަން ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަން،" ބަޔާނުގައިވެއެވެ.

ކްލަބް ހައުސްގައި އެމްޑީޕީ ހަރުގޭގެ ނަމުގައި ހަދާފައިވާ ގުރޫޕުގައި ވާހަކަފުޅު ދައްކަވަމުން ރޭ ރައީސް ނަޝީދު ވިދާޅުވީ މިއީ ސަރުކާރުން އެއްގޮތަކަށްވެސް ފަހަތު ފަޔަށް ބުރަވެފައި އޮންނަންވީ ވަގުތެއް ނޫން ކަމަށާއި ކުއްލި އަކަށް ކުރަންޖެހޭ ނުވަތަ ހިންގަންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށެވެ. އަދި ގިނަ ބަޔަކު ކުއްލިއަކަށް ހިފައި ހައްޔަރުކުރަން މިއަދު ވަނީ ބޭނުން ޖެހިފައި ކަމަށް ވިދާޅުވިއެވެ.

މިހާރު މީހުންނަށް އަނިޔާއާ ގެއްލުން ދެނީ ޓެކްނޮލިޖީގެ ގޮތުން ކުރި ހޯދައިގެން ތިބި ބަޔަކު ކަމަށެވެ. އަދި ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާވެސް ދޭނެތީ، އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގައުމަށް ދިމާވެގެން މިއުޅެނީ ކުޑަ ކަމެއް ނޫން ކަމަށާއި އެހެންކަމުން ފަނޑިޔާރުން ވިސްނަންޖެހޭ ކަމަށެވެ. އަދި އާދައިގެ ކުދިންނަށް ޖަލުން ނުކުމެވޭނެ ގޮތެއް ނުވެފައި ތިބި ނަމަވެސް، ޓެރަރިޒަމްގެ ފިކުރުގައި އުޅޭ މީހުންނަށް ވަރަށް ފަސޭހައިން މައާފު ލިބިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.