ޔޫރޯ 2020

ޑެންމާކުގެ "ޖާދޫވީ" ފޯމު ދަމަހައްޓައި ކުއާޓާއަށް، ބޭލްއާއި ވޭލްސްއަށް ހިތްދަތިކަން

ޔޫރޯ 2020 ގެ ގަދަ 16ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ވޭލްސް ބަލިކޮށް ޑެންމާކުން އެޓީމުގެ 'ޖާދޫވީ ޔޫރޯ ދަތުރު' ނިމުނަ ނުދީ ދަމަހައްޓައިފިއެވެ.

ނެދަލޭންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި މިރޭ ކުޅުނު މެޗު ޑެންމާކުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ 2004 ވަނަ އަހަރަށްފަހު ޑެންމާކުން ޔޫރޯގެ ކުއާޓާ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ.

ވޭލްސްއާއި ޑެންމާކު މިރޭ ނެދަލޭންޑްސްގެ ޔޯހަން ކްރައިފް އެރީނާއަށް ނުކުތް މެޗަކީ ޔޫރޯ 2020ގެ ގަދަ 16 ގައި ކުޅުނު ފުރަތަމަ މެޗެވެ. ވޭލްސްއިން ގަދަ 16 އަށް ދިޔައީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ސްވިޒަލޭންޑާ އެއްވަރުކޮށް ތުރުކީ ބަލިކޮށްފައިވާ އިރު، ބަލިވީ ހަމައެކަނި ވަރުގަދަ އިޓަލީ އަތުންނެވެ.

ޑެންމާކުން ގަދަ 16 އަށް ދިޔައީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ޔޫރޯ 1992ގެ ޗެމްޕިއަން ޓީމު ޑެންމާކަށް ގްރޫޕް ސްޓޭޖުގެ މެޗުތަކަކީ އުނދަގޫ، އަސަރުގަދަ ކަންތައްތަކެއް ދިމާވި މެޗުތަކެކެވެ.

ގްރޫޕް ސްޓޭޖުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ތަރި، ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓި ހިތާމަވެރި ވަގުތުކޮޅަކާ ޓީމު ކުރިމަތިލާން ޖެހިފައިވީނަމަވެސް ޑެންމާކުން ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗާ ހަމައަށް ހިތްވަރުކޮށް ގަދަ 16 ޔަގީން ކޮށްފައެވެ. ފިންލޭންޑް އަތުންނާއި ބެލްޖިއަމް އަތުން ބަލިވެފައި އޮވެ ފަހު މެޗަށް ނުކުތް ޑެންމާކުން ގަދަ 16 އަށް ދިޔައީ ފަހު މެޗުގައި ރަޝިއާ ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ.

ވޭލްސްއިން މިރޭގެ މެޗަށް ނުކުތީ ފުރަތަމަ ކުޅުނު 2016 ވަނަ އަހަރު ޔޫރޯގެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ. 2016 ވަނަ އަހަރު ފްރާންސްގައި އޮތް ޔޫރޯގައި "އަންޑަ ޑޯގް" ޓީމެއްގެ ގޮތުގައި ވޭލްސްއިން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފައެވެ. އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައިން ވޭލްސްއަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ޗެމްޕިއަން ޕޯޗުގަލް އަތުން ބަލިވެގެންނެވެ. ޑެންމާކުން ގަދަ 16 ފަހަނައަޅައި އެންމެފަހުން ދިޔައީ 2004 ވަނަ އަހަރު ކުއާޓާއާ ހަމައަށެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ތަފާތު ދެއްކީ ވޭލްސްގެ ކެޕްޓަން ގެރެތު ބޭލްއެވެ. ހަމަޖެހިލައިގެން އަރިމަތިން ފުލުފުލުގައި ދެތިން ހަމަލާއެއް ބޭލްގެ ފަރާތުން ފެނިގެންދިޔައެވެ. އޭނާގެ ހަމަލާތައް ގޯލަށް އަމާޒުނުވެ ދިޔުމުގެ ނަތީޖާއަކަށްވީ ޑެންމާކުން ކުޅުން ރަނގަޅު ކުރުމެވެ.

ކުރިއަށް ޖެހި މެޗުގެ ކޮންޓްރޯލް ހޯދައި، 27 ވަނަ މިނެޓުގައި ޑެންމާކުން ލީޑު ނެގިއެވެ. މިކެލް ޑެމްސްގާޑު އަރިމަތިން ފަހިކޮށްދިން ފުރުސަތުގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް ލީޑު ނަގައިދިނީ ކެސްޕާ ޑޮލްބާގެވެ. އަޔެކްސްގެ ރަސްމީ ދަނޑުގައި މިރޭގެ މެޗު ކުޅެފައިވާ އިރު، އެއީ ޑޮލްބާގުގެ ކުރީގެ ކްލަބެވެ. ޑޮލްބާގެ މިރޭގެ މެޗަށް ނުކުތީ ޑެންމާކުގެ ފުރަތަމަ 11 އިން އާންމުކޮށް ޖާގަ ހޯދާ ޔޫސުފް ޕައުލްސަންއަށް އަނިޔާވެފައި ހުރުމުން އޭނާ ނެތްތަން ފޫބެއްދުމަށެވެ.

ގޯލަށްފަހު ފުރަތަމަ ހާފު ވަރުގަދަކޮށް ނިންމާލީ ޑެންމާކުންނެވެ. ހާފު ނިމެން ދަނިކޮށް، ސްޓްރައިގާ ލާސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޔޮކިމް މޭލާ ފޮނުވާލި ހަމަލާ، ވޭލްސްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ.

ޑެންމާކުން ދެވަނަ ހާފު ފެށީވެސް ފުރަތަމަ ހާފު ނިންމާލި ފޯމުގައެވެ. އެޓީމަށް ނަތީޖާ ފުޅާކުރަން މާ ގިނައިރެއްވެސް ނުނެގިއެވެ. ހާފު ފެށިގެން ފަސް މިނެޓުވެސް ނުވަނީސް ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޑެންމާކުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ނީސްގެ ފޯވަޑް ޑޮލްބާގެވެ.

ގޯލާއެކު ޑެންމާކުން ފަހަތަށް ޖެހިލައި ހަމަޖެހިލިއެވެ. މެދުތެރެއިން ޑެންމާކު ހިފެހެއްޓުމުގައި ޓޮޓެންހަމްގެ މިޑްފީލްޑަރު ޕިއޭ އެމީލް ހޮއިބިއާ ކުޅުނު ވަރުގަދަ ކުޅުން މެޗުގައި ފާހަގަވެފައިވާ އިރު، ޑެންމާކުން ފަހަތަށް ޖެހިލި ވަގުތު ވޭލްސްއިން ވަނީ ކޮންމެވެސް ވަރަކަށް ނުރައްކާ ކޮށްފައެވެ.

ޖޯ އެލަން ފޮނުވާލި ހަމަލާ ޑެންމާކުގެ ގޯލާ އަމާޒު ނުވެ ބޭރަށް ގޮސްފައިވާ އިރު، ބޭލްގެ އިތުރު ހަމަލާއެއްވެސް ވަނީ ގޯލާ އަމާޒުނުވެ ބޭރަށް ގޮސްފައެވެ. ކައުންޓާގައި ވޭލްސްއިން ޑެނިއަލް ޖޭމްސްއާއި ގެރެތު ބޭލްގެ ހުނަރު ބޭނުން ކުރަމުން ދިޔަ ނަމަވެސް ގްރޫޕް ސްޓޭޖުގައި ރަނގަޅު ކުޅުމެއް ދެއްކި އާރޮން ރެމްސީގެ ކުޅުން މިރޭގެ މެޗުގައި ފެނިފައެއް ނުވެއެވެ.

މެޗުގެ ފަހު ކޮޅުގައި އަނެއްކާވެސް ހަމަލާތައް އުފައްދައި، ރަނގަޅަށް ކުޅުނީ ޑެންމާކުންނެވެ. ނިމެން ދަނިކޮށް 86 ވަނަ މިނެޓުގައި ޖެންސަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެންޑަސަން ބޮލުން ފޮނުވާލި ހަަމަލާ، ވޭލްސްގެ ކީޕަރު ވާޑް ދިފާއުކުރި އިރު، ރީބައުންސް ބޯޅައިން ބްރެތުވެއިޓް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ޑެންމާކުން ވަނީ ތިންވަނަ ގޯލެއްވެސް ޖަހައިފައެވެ.

ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ޖެންސެން ދިން ބޯޅައަކުން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް އެ ގޯލު ކާމިޔާބުކޮށްދިނީ މައޭލާއެވެ. އަދި އެވަރަކުން ނިންމާލީކީ ނޫނެވެ. މެޗުގައި މޮޅަށް ކުޅުނު ބާސެލޯނާގެ މާޓިން ބްރައިތުވެއިޓްގެ ގޯލަކާއެކު ޑެންމާކުން ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްލައިފައެވެ.

މެޗު ވޭލްސްއިން ނިންމާލީ ރަތް ކާޑަކާވެސް އެކުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ހެރީ ލްސަންގެ ނުރައްކާތެރި ޓެކްލަކަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ.

މިރޭގެ ނަތީޖާއާއެކު ޑެންމާކުން ކުއާޓާ ފައިނަލް ޔަގީން ކޮށްފައިވާ އިރު، އެޓީމުން ކުއާޓާގެ މެޗުގައި ނުކުންނަން ޖެހޭނީ މާދަމާ ރޭ ޗެކު ރިޕަބްލިކާއި ނެދަލޭންޑްސް ކުޅޭ ގަދަ 16ގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.