ގިނަ ބަޔަކު ހިފައި ހައްޔަރުކޮށްގެންވެސް، ރާއްޖެއަށް ދިމާވާން އުޅޭ ކަންކަމުން އަރައިގަންނަން އެބަ ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްގައި އެމްޑީޕީ ހަރުގޭގެ ނަމުގައި ހަދާފައިވާ ގުރޫޕުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު މީހުންނަށް އަނިޔާއާ ގެއްލުން ދެނީ ޓެކްނޮލިޖީގެ ގޮތުން ކުރި ހޯދައިގެން ތިބި ބަޔަކު ކަމަށެވެ. އަދި ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާވެސް ދޭނެތީ، އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ގައުމަށް ދިމާވެގެން މިއުޅެނީ ކުޑަ ކަމެއް ނޫން ކަމަށާއި އެހެންކަމުން ފަނޑިޔާރުން ވިސްނަންޖެހޭ ކަމަށެވެ. އަދި އާދައިގެ ކުދިންނަށް ޖަލުން ނުކުމެވޭނެ ގޮތެއް ނުވެފައި ތިބި ނަމަވެސް، ޓެރަރިޒަމްގެ ފިކުރުގައި އުޅޭ މީހުންނަށް ވަރަށް ފަސޭހައިން މައާފު ލިބިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ފަނޑިޔާރުންނަށް ވަރަށް ބޮޑު މެސެޖެއް އެބަ ދޭންޖެހޭ. ތިބޭފުޅުން މިކަމާ ވިސްނަންޖެހޭ. ގައުމަށް ދިމާވެގެން މިއުޅެނީ ކުޑަ ކަމެއް ނޫނޭ. މިއަދު 15 ދުވަސް، 10 ދުވަސް، 5 ދުވަސް ޖަހާފައި ހުރިހާ އެންމެންނަށް މަގުމަތީގައި ތިބެވޭނެ ގޮތް އެހެން ހައްދަވައިގެން ނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ވަގުތަކީ ވަރަށް ގިނަ އަދަދެއްގެ ބައެއް ހިފައި ހައްޔަރުކޮށްގެން ނަމަވެސް ރާއްޖެއަށް ދިމާވާން އުޅޭ ކަންކަމުން އަރައިގަންނަންވީ ވަގުތު ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުން މިއީ އެއްގޮތަކަށްވެސް ފަހަތު ފަޔަށް ބުރަވެފައި އޮންނަންވީ ވަގުތެއް ނޫން ކުއްލި އަކަށް ކުރަންޖެހޭ ހިންގަންޖެހޭ ކަންކަން ވަރަށް ގިނަ. ގިނަ ބަޔަކު ކުއްލިއަކަށް ހިފައި ހައްޔަރުކުރުން މިއަދު މިވަނީ ބޭނުން ޖެހިފައި," ރައީސް ނަޝީދު ވިދާޅުވިއެވެ.