މިދިޔަ މަހުގެ ހަ ވަނަ ދުވަހު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެއްވި އޭޑީކޭ ހޮސްޕިޓަލުންގެ ޓީމު، ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީއަށް މިއަދު ހާޒިރުކޮށްފިއެވެ.

ރައީސް ނަޝީދަށް ދެމުން ދިޔަ ސެކިއުރިޓީ ފޫދިޔަ ގޮތުގެ ޕާލިމަންޓަރީ އިންކުއަރީއެއް ހަދަމުން އަންނަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީންނެވެ.

މިއަދު ކޮމިޓީއަށް ހާޒިރުވި އޭޑީކޭ ހޮސްޕިޓަލުގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ރައީސް ނަޝީދަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވި ޓީމުގައި އިސްކޮށް ހުންނެވި ޑރ. އަބްދުﷲ ނިޔާފާއި ޑރ. އަހުމަދު ނިޝާންގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލްއެވެ.

ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވީ، އޭޑީކޭގެ ޑޮކްޓަރުންގެ ޓީމާ ބައްދަލު ކުރަނީ ކަމެއްގެ ތުހުމަތުގައި ނޫން ކަމަށެވެ. އަދި އެ ފަރާތްތަކުން ގޯހުން އެއްވެސް ކަމެއް ކޮށްފައިވާކަން ފާހަގަވެފައި ނުވާ ކަމަށާއި ރައީސް ނަޝީދަށް އޭޑީކޭ އިން ވަރަށް އަވަހަށް އެޓެންޑު ވެ ހިކުމަތްތެރިކަމާ އެކު ފުރިހަމަ ފަރުވާއެއް ދީފައިވާ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ޑޮކްޓަރުންގެ ޓީމު ކޮމިޓީއަށް ހާޒިރު ކުރަނީ ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތް ކުރެއްވުމަށް އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން ކުރެއްވި ހިކުމަތްތެރި މަސައްކަތްތަކުގެ މައުލޫމާތު މިހާތަނަށް ލިބިފައިވަނީ މީޑިއާތައް މެދުވެރިކޮށް ކަމަށްވާތީ، އެވާހަކަތައް އެ ޑޮކްޓަރުންގެ ފަރާތުން ބޭނުންވާތީ ކަމަށެވެ.