ހަތުރުންނާއި މިތުރުން އެއްތަން ކޮށްގެން އެމްޑީޕީ ދެވަނަ ފަހަރަށް ވެރިކަމަށް ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ސޯލިހަށް ވިދާޅުވެ، ރީކޯ މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހަތް އަހަރު ދުވަހު މަގުމަތީގަޔާއި ވާރެ އާއި އަވީގައި އެމްޑީޕީ ގޮވައިގެން ހަތުރުންނާއި މިތުރުން އެއްތަން ކޮށްގެން އެމްޑީޕީ ދެވަނަ ފަހަރަށް ވެރިކަމަށް ގެނެސްދެއްވީ ރައީސް ސޯލިހު ކަމަށެވެ.

އެހެންކަމުން އެމަނިކުފާނަށް ޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީ އުފެއްދުމުގައާއި ޕާޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ރީކޯ މޫސަ ކުރެއްވި ނަމަވެސް، ޕާޓީގެ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވި ކަމަށް ތުހުމަތުކޮށް 2014 ވަނަ އަހަރު އޭނާ ވަނީ އެޕާޓީން ވަކިކޮށްފައެވެ. އެފަހުން އޭނާ ވަނީ އޭރު ވެރިކަމުގައި އޮތް ޕީޕީއެމަށް ސޮއި ކުރައްވައިފައެވެ.

މަލްޓީ ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފުވުމުން ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީ ކޮށްފައި ވަނީ ޖޫން 26، 2005 ގައެވެ