ޖޫރިމަނާގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 112 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 70.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބުނު 6.4 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބުނު 1.7 ބިލިއަން ރުފިޔާއެވެ.

ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން ޖޫރިމަނާގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 112.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާ އިރު, 45.4 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ލިބިފައި ވަނީ 66.9 މިލިއަން ރުފިޔާއެވެ.

ޖޫރިމަނާގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 112 މިލިއަން ރުފިޔާ ލިބިފައިވާ އިރު, ޖޫރިމަނާގެ ގޮތުގައި މިއަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތީ 43.9 މިލިއަން ރުފިޔާއެވެ.

ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައި މިވަނީ ބެލެވޭ ގޮތުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެގެން ގިނަ ބަޔަކު ޖޫރިމަނާ ކޮށްފައިވާތީއެވެ.