ކުރީރެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ ޕާޓީ އެމްޑީޕީ އަބަދުވެސް ދެމި އޮންނާނީ ޕާޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައި ވަނީ، އެ ޕާޓީ އުފެދުނުތާ 16 އަހަރު ފުމުގެ މުނާސަބަތުގައި، ޕާޓީގެ ފަރާތުން ތަހުނިޔާ ކިޔުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.

އެބަޔާނުގައި ބުނެފައި ވަނީ، އެ ޕާޓީއަށް 16 ވަނަ އަހަރު ފުރުން ފާހަގަކުރަން ޖެހިފައި ވަނީ ޕާޓީގެ އެންމެހައި މެންބަރުންނަށާއި، ޕާޓީއަށް ތާއީދު ކުރާ އެންމެހައި ފަރާތްތަކަށް ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

މިއީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި، އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތް ވެ، ޒަހަމްކޮށްލާފައިވާ ވަގުތެއް ކަމަށާއި، މި ޓެރަރިސްޓް ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްގެ އިތުރަށް، ޕާޓީގެ ފިކުރަށާއި ޕާޓީ ބިނާވެފައިވާ އަސްލުތަކަށާއި ޕާޓީގެ ނުގުޑާ އަޒުމަށާއި ހިތްވަރަށް ދިން ހަމަލާއެއް ކަމަށްވެސް ބުނެފައިވެއެވެ.

"ނަމަވެސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ފަދައިން މި ފިކުރަކީ މި ގައުމުން އަލުން ފޮހެލެވޭނޭ ފިކުރެއް ނޫނެވެ. އެމްޑީޕީ އަކީ ދިވެހިންނަށް ސިޔާސީ، އިޖުތިމާއީ، އިގުތިސޯދީ އަދި ފަރުދީ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެގެން ވަކާލާތުކުރާ ފިކުރެވެ. އަދި މިއީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެސީގެ ހަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލެވެ. މި ޕާޓީން ދިވެހިންނަށް ހޯދައިދީފައިވާ ކާމިޔާބީ އާއި ކުރިއެރުންތަކުގެ ސަބަބުން ރައްޔިތުންގެ އުންމީދާ އެންމެ ބޮޑަށް ގުޅިފައިވަނީ މި ޕާޓީ ކަމާމެދު ޝައްކެއް ނެތެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މަލްޓީ ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފު ވުމުން ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީ ކޮށްފައި ވަނީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަދުވަހުއެވެ.

އެ ޕާޓީއަށް 16 އަހަރު ފުރުމުގެ ގޮތުން މިއަދު ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

ވަކި ވަކި ދެ ރަސްމިއްޔާތެއްގެ ގޮތުގައި މިއަދު ހެނދުނު މި ރަސްމިއްޔާތު އޮތީ، އެމްޑީޕީގެ މައި އޮފީހުގައާއި މާލޭގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.