މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ޓީމްވޯކް ރަނގަޅު އެންމެ ފޯމު ރަނގަޅު ޓީމަކީ އިޓަލީ ކަމަށް ބުނުމުން ދެބަސްވާނެ މީހަކު މަދުވާނެއެވެ. ގްރޫޕް ސްޓޭޖުގައި ކޮޅަށް ގޯލެއް ވައްދައިނުލައި، ހަތް ގޯލް ޖަހައިގެން އިޓަލީ ގަދަ 16 އަށް ދިޔައީ ޔަގީންކަމާއި އިތުބާރާ އެކުގައެވެ. އިޓަލީގެ ކުޅުން ގިނަ ބަޔަކު ސިފަކޮށްފައި ވަނީ ޝައުގުވެރި ފުޓުބޯޅައެއްގެ ގޮތުގައެވެ. އިޓަލީއަށް އަދި ޓެސްޓް އޮތީއެވެ. އެކަން ގަބޫލު ކުރާނެ އެތައް ބަޔަކުވެސް ތިބޭނެއެވެ.
އިޓަލީއަށް ނޮކްއައުޓްގައި އޮތް އެންމެ ފުރަތަމަ ޓެސްޓަށް މިރޭ ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ. ފެވަރިޓުންނަކީ އިޓަލީއެވެ. ޓީމުގެ ޓީމުވަންތަކަމުންނެވެ. އިޓަލީގެ ރެކޯޑުންނެވެ.
އިޓަލީގެ ފުޓުބޯޅައިގެ ވާހަކަ އެއް ފަރާތްކޮށް ޓީމުގެ ރޫހަށް ބަލައިލުން އެއީ ގޯހަކަށް ނުވާނެއެވެ. އެއީ ގިނަ ބަޔަކު ބަލައިލަން ބޭނުންވެދާނެ ކަމަކަށްވެސް ވެދާނެއެވެ. ސަބަބަކީ އިޓަލީގެ ފުޓުބޯޅަ ރެކޯޑުގެ ވާހަކަ ވަރަށް ގިނައިން ދެކެވިފައި އޮތުމެވެ. 30 މެޗު ބަލި ނުވެ ހަމަކޮށް، އިޓަލީން މިރޭ ނުކުންނަނީ 1930 ގެ ކާމިޔާބު ވިޓޯރިއޯ ޕޯޒޯގެ އިޓަލީގެ ރެކޯޑު މުގުރާލުމަށެވެ. އެވާހަކަ ނޭނގޭ ފުޓުބޯޅަ ސަޕޯޓަރަކު މަދުވާނެއެވެ. އެހެންކަމުން އިޓަލީގެ ކޭމްޕް ތެރެއަށް ލޯ އަޅައިލަމާ ހިނގާށެވެ.
- ތިން މެޗުގައި 25 ކުޅުންތެރިން ލައްވާ ކުޅުވުން
އިޓަލީ ޓީމުގައި އޮތީ ވާދަވެރި ނަމަވެސް، އެކުވެފައިވާ ޓީމެކެވެ. އެޓީމުގެ ރޫހަކީ އެއް ރޫހެކެވެ. މުބާރާތުގެ ތަށި ނެގުމެވެ. އެކަން ކުޅުންތެރީންގެ ވާހަކައިން ވަރަށް ބޮޑަށް ސާފެވެ. އެހެންނަމަވެސް މުޅި ޓީމު ލައްވައި ކުޅުވުމުގެ ބޭނުން ގުޅިފައި ވަނީ ކޯޗު ރޮބާޓޯ މަންޗީނީގެ ދުރު ހަނދާނަކާއެވެ. އެއީ 1990 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ހަނދާނަކެވެ. އަމިއްލަ ގައުމުގައި އޮތް އެ ވޯލްޑް ކަޕްގެ ޓީމުގައި މަންޗީނީ ހިމެނުނު ނަމަވެސް އޭނާއަށް މުބާރާތް ނިމުނީ ދަނޑުމަތީގައި މިނެޓެއްވެސް ހޭދަ ނުކޮށްލެވިއެވެ. އެއީ މަންޗީނީގެ ހިތްފަޅައިގެން ދިޔަ ވާހަކައެކެވެ. އެ އިހުސާސް އެއްވެސް ކުޅުންތެރިޔަކު ކުރިޔަ ނުދޭން މަންޗިނީ ވަނީ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ގޯލްކީޕަރަށް ދަންދެން ބަދަލު ކޮށްފައެވެ. ތަފާތު ވިސްނުމެކެވެ. ތަފާތު ހިތްވަރެކެވެ. ޓީމުގެ 26 ކުޅުންތެރިންގެ ތެރެއިން ނުކުޅެ ހުރީ ހަމައެކަނި ތިންވަނަ ގޯލްކީޕަރު، އެލެކްސް މެރެޓެވެ.
- ކާމިޔާބީއަކަށް އެދި ތަލައަށް ދޭ ދޮނެއް
ފްރާންސް ގައުމީ ޓީމުގެ މަތިން ހަނދާން އާ ކޮށްލަމާ ހިނގާށެވެ. ފްރާންސަށް ކުރިން ކުޅުނު ޑެފެންޑަރު ލޯރެންޓް ބްލަންކް ކޮންމެ މެޗެއްގެ ކުރިން ގޯލްކީޕަރު ފަބިއަން ބާތޭޒްގެ ތަލަ ބޮލަށް ދޮނެއްދޭ މަންޒަރު ވަރަށް ގިނައިން ފެނިފައިވާނެއެވެ. އެއީ ގަބޫލު ކުރާ ގަބޫލުކުރުމަކުން ކާމިޔާބީއަށް ދޭ ހިތްވަރަކަށް ދޭ ދޮނެކެވެ. އިޓަލީގެ އެންމެ މުހިއްމު އެއް ޑިފެންޑަރު، ލިއޮނާޑޯ ބޮނޫޗީ ކޮންމެ މެޗެއްގެ ކުރިން އެސިސްޓެންޓް ކޯޗު، އަޓިލިއޯ ލޮމްބާޑޯގެ ތަލަ ބޮލަށް ދޮނެއް ދޭ މަންޒަރު ފެންނާނެއެވެ. ލޮބާޑޯގެ ތަލައަށް އޭނާ މަޝްހޫރުވެފައި ވަނީވެސް "ދަ ބޯލްޑް އީގަލް"ގެ ނަމުންނެވެ.
އިޓަލީ ޓީމުގެ ސްޓާފުން ވަނީ ގުޅި ލާމެހިފައެވެ. އެއީވެސް އެކުވެރިކަމުގެ އެއް އަސްލެވެ. ލޮމްބާޑޯއަކީ ކުރިން މަންޗީނީއާއެކު ސަމްޕްޑޯރިއާއަށް ކުޅުނު ޓީމްމޭޓެކެވެ. އަދި އޭރު އެޓީމުގައި އުޅުނު ޖިއާންލޫކާ ވިއާލީ އާއި، އަލްބެރިކޯ އެވާނީގެ އިތުރުން ގުއިލިއޯ ނައުސިއަރީ އަދި ފައުޓްސޯ ސަލްސާނޯ އަކީ އިޓަލީ ޓީމު ސްޓާފުންނެވެ.
- އޮސްކާ ކާމިޔާބުކުރި އާޓިސްޓެއްގެ ހާއްސަ މެސްކޮޓެއް
މުބާރާތްތަކުގައި މެސްކޮޓްގެ ބޭނުމަކީ ފޯރި އިތުރުކޮށް، ޖޯޝު އުފެއްދުމެވެ. ޔޫރޯ 2020 ގެ މެސްކޮޓް ސްކިލްސްޒީއަކީވެސް މުބާރާތުގެ ރޫހެވެ. އިޓަލީގެ މެސްކޮޓަކީ އަމިއްލަ މެސްކޮޓެކެވެ. އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ އާޓިސްޓެއް ކަމަށްވާ ކާލޯ ރަމްބާލްޑީގެ ހާއްސަ ޑިޒައިނެއް ކަމަށްވާ "ޝީޕްޑޯގް ޕަޕީ"އަކީ އިޓަލީ ޓީމުގެ ރޫހެވެ. އާޓިސްޓް ރަމްބާލްޑީ މިހާރު މަރުވެފައިވާނަމަވެސް އޭނާ ދުނިޔެ ދޫކޮށް ދިޔައީ ކާމިޔާބީތަކަކާ އެކުގައެވެ. އީޓީ، އާއި އޭލިއަން އެންޑް ކިންކޮންގްގެ ސްކެޗްތަކަކީ ރަމްބާލްޑީއަށް އޮސްކާ އެވޯޑު ލިބުނު އުފެއްދުންތަކެވެ.
- އޮސްކާ އެވޯޑުގެ މިއުޒިކް
ތިންފަހަރަށް އޮސްކާ އެވޯޑު ހާސިލްކޮށްފައިވާ ޖޯޖިއޯ މޮރޮޑާ ލިޔެފައިވާ އުންއެސްޓޭޓް އިޓަލިއާނާ އަކީ 1990 ވަނަ އަހަރު އިޓަލީގައި އޮތް ވޯލްޑް ކަޕްގައި ބޭނުންކުރި ލަވައެކެވެ. އިޓަލީގެ ލަވަކިޔުންތެރިން ކަމަށްވާ ޖިއާނާ ނާނިނީ އާއި އެޑުއާޑޯ ބެނާޓޯ ކިޔާފައިވާ އެ ލަވަ ރިލީސްވިއިރު، މިހާރު ސްކޮޑުގައި ހުރި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ، ޖޯޖިއޯ ކިއެލީނީއަށް އެންމެ ހަ އަހަރެވެ. އެހެންނަމަވެސް ހޯމް މެޗުތަކުގައި މޮޅުވުމުގެ އުފާފާޅުކުރުމަށް އަދިވެސް ސަޕޯޓަރުންނާއެކު އިޓަލީން ބޭނުންކުރާ ލަވައަކީ އެލަވައެވެ. ސަޕޯޓަރުންގެ ތެރޭގައި މިހާރުވެސް އެންމެ ބޮޑަށް ގުގުމާ ލަވަތަކުގެ ތެރޭގައި އޭރުގެ "ނޮޓީ މެޖީޗޭ" (މެޖިކް ނައިޓްސް) ލަވަ އިޓަލީން ހިމަނައެވެ.
- ޕިއްޒާ ޕާޓީތައް
އިޓަލީން ގަދަ 16ގެ އުފާފާޅުކޮށް ރޫހު އާކޮށްލީ ހަމައެކަނި ލަވައާއި މިއުޒިކަކުންވެސް ނޫނެވެ. ބޮޑު ޕިއްޒާ ޕާޓީއަކާ އެކުގައެވެ. އެއީ ހައިރާން ކަމަށްވެސް ނުވާނެއެވެ. އިޓަލީ އާއި ޕިއްޒާއަކީ ލޭގެ ގުޅުމެކެވެ. ގްރޫޕް ސްޓޭޖަށްފަހު ލިބުނު އޮފް ދުވަހުގައި އިޓަލީގެ ކޭމްޕަށް ދިޔަ އެކަކީ ލޮރެންޒޯ އިންސީނިއާގެ ގާތް ރަހުމަތްތެރިޔާ އަދި މަޝްހޫރު ޕިއްޒާ އެކްސްޕާޓް ސީރޯ އޮލީވިއާ އެވެ. ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ޕިއްޒާ ފިހެދީ އޭނާ ވަނީ މުޅި ކޭމްޕް އުފާކޮށްލައިފައެވެ.
ރޫހު ރަނގަޅުކޮށް އޮތް އިޓަލީން އޮސްޓްރިއާއާ ދެކޮޅަށް ގަދަ 16ގެ މެޗަށް ނުކުންނާނީ ވެމްބްލީގައެވެ. މެޗު އޮންނާނީ މިރޭ 00:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު