ހއ. ދިއްދޫގައި ކަރަންޓީނުގައި ހުއްޓައި ކުއްލި ގޮތަކަށް މިއަދު މަރުވި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ބަލީގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު 209 އަށް އަރައިފި އެވެ.
ހއ. އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު 'ވަން' އަށް ވިދާޅުވީ، ޕޮޒިޓިވްވި މީހަކާ ގާތުން ދިމާވެގެން ކަރަންޓީނުކޮށްފައި ހުރި ބިދޭސީ އަކު ހަބަރު ހުސްވެގެން މިއަދު މެންދުރެއްހާއިރު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ ގެނައި އިރު ވެސް މަރުވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
"ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ ވާނީ އޭނާގެ ސާމްޕަލް ނަގާފައި. މިއަދު ދެން މަރުވި ފަހުން ރިޒަލްޓް ލިބުނު އިރު ޕޮޒިޓިވް،" އޮފިޝަލު ވިދާޅުވި އެވެ.
އެ ބިދޭސީ މީހަކީ އެރަށުގައި ހުންނަ ފަހާތަނެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެތަނަށް ދިޔަ މީހުންގެ މައުލޫމާތު ކޮންޓެކްޓް ޓްރޭސިން ގްރޫޕަށް ހިއްސާ ކުރުމަށް ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.
މި މަރާއެކު ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 209 އަށް އަރައިފަ އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 191 ދިވެހީންނާއި 18 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނައިން މީހުން މަރުވެފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު