ޔޫރޯ 2020

މުސްލިމް ކުޅުންތެރިން ކުރިމަތީ ބިޔަރު އިޝްތިހާރު ނުކުރަން ނިންމައިފި

1

ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބިޔަރު ފުޅި އެއްފަރާތް ކުރި މައްސަލައަށް ރިއާޔަތްކޮށް، މިފަހަރުގެ ޔޫރޯއާއި ދެން ޔުއެފާއިން ކުރިއަށްގެންދާ މުބާރާތްތަކުގައި ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މުސްލިމް ކުޅުންތެރިންގެ ކުރިމަތީގައި ބިޔަރު އިސްތިހާރު ނުކުރަން ނިންމައިފިއެވެ.

އެގޮތަށް ނިންމައި ޔޫއެފާއިން އިއުލާން ކޮށްފައި ވަނީ ދީނީ ގޮތަކުން އެއްވެސް ކަމަކަށް ފުށުއަރާ އެއްޗެއް ނަމަ އެ ކުޅުންތެރިއެއްގެ އެދުމަށް މޭޒު މަތީގައި ހުންނަ އެއްޗެއް ނެގިދާނެ ކަމަށެވެ. ޔޫއެފާއިން ބުނެފައި ވަނީ ލައިފް ސްޓައިލްގެ ގަބޫލުކުރުމަކަށް ކޮކާ ކޯލާ ފުޅި އެއްފަރާތްކުރުން އެއީ އަދިވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ދީނީ ގޮތުން އޮންނަ ކަމެއްގެ ސަބަބުން އެއްޗެއް ދުރަށް ޖައްސާލުމާއި އެކަމާ ބޮޑުތަނުން ތަފާތު ކަމަށެވެ.

ޕޮގްބާ ބިޔަރު ފުޅި ތިރިއަށްލުމުގެ ކުރިން ޔޫރޯގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކޯކު ފުޅިއެއް އެއްފަރާތް ކުރި މައްސަލައަކަށްވެސް ޝައުގުވެރިކަން ހުއްޓިފައިވެއެވެ. ރޮނާލްޑޯ ކޯކު ފުޅި އެއްފަރާތްކުރީ ސިއްހީ ގަބޫލުކުރުންތަކެއްގެ ސަބަބުން ނަމަވެސް ސްޕޮންސަރަކަށް އެފަދަ ގޮތަކަށް އަމަލު ނުކުރެވޭނެ ކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ. އަދި އެކަން ތަކުރާރު ވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.

ޕޮގްބާއަކީ ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ޕްރެކްޓިސިން މުސްލިމެކެވެ. އޭނާ ވަނީ ގިނަ ފަހަރެއްގެ މަތިން އިސްލާމް ދީނުގެ މާތްކަމާއި، އިސްލާމް ދީނުގެ ރިވެތި ސިފަތަކާ ގުޅޭގޮތުން ވާހަކަވެސް ދައްކައިފައެވެ. މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން 6-2 އިން ރޯމާ ކައިރިން މޮޅުވި މެޗުގައި ޕޮގްބާ ރޯދައަށް ހުރެ ކުޅުނު ކުޅުމަށް ގިނަ ބަޔަކު ތައުރީފު ކޮށްފައިވާ އިރު، އެފަހަރު ޕޮގްބާ ބުނެފައިވަނީ ރޯދައިން އޭނާއަށް ލިބެނީ ރޫހާނީ ވަރުގަދަ ކަމެއް ކަމަށެވެ.

އޭގެ އިތުރުން 2019 ވަނަ އަހަރު ޓައިމްސްއަށް ދިން އިޓަވިއުއެއްގައި ޕޮގްބާ ބުނެފައި ވަނީ އިސްލާމް ދީނަކީ ނަފްސަށް އަމާންކަން ގެނެސްދޭ މަތިވެރި ދީނެއް ކަމަށާއި، އިސްލާމް ދީނަކީ ގިނަ ބަޔަކު ލޭބަލް ކުރާ ޓެރެރިސްޓުންގެ ދީނެއް ނޫން ކަމަށެވެ. އިސްލާމް ދީނަކީ މާތް، ރީތި، އުފާވެރި ދީނެއް ކަމަށްވެސް ޕޮގްބާ ބުނެފައިވެއެވެ.

ޕޮގްބާ ބިޔަރުފުޅި އެއް ފަރާތް ކުރުމުގެ ފަހުން މުސްލިމް ކުޅުންތެރިއަކަށް ޔޫރޯގައި މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައި ވަނީ ފްރާންސްގެ ކަރިމް ބެންޒެމާއަށެވެ. ބެންޒެމާގެ އިންޓަވިއުގައިވެސް ޔޫއެފާއިން ބިއަރު ފުޅި ނުބަހައްޓައެވެ.