މީޑިއާތަށް ޖޫރިމަނާކޮށް ފިޔަވަޅު އެޅުމަކީ އެ ކައުންސިލަށް ލިބިގެންވާ ބާރެއް ކަމަށާއި ޖެންޑާ މިނިސްޓްރީން މީޑިއާތަކަށް ފިޔަވަޅުއަޅައި އިންޒާރުގެ ލިޔުން ފޮނުވައި މީޑިއާތަކަށް ބިރުދެއްކުމުގެ އަމަލުތައް ހުއްޓާލަން ޖެހޭ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.
މަރާލުމަށްފަހު ފޮއްޓަކަށް ލާފައި އޮއްވާ ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގެ ހަބަރުތައް ބައެއް ނޫސްތަކުން ގެނެސްދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން ޖެންޑާ މިނިސްޓްރީން މިއަދު ވަނީ ނޫހެއް ޖޫރިމަނާކޮށް، ބައެއް ނޫސްތަކަށް ނަސޭހަތްދީފައެވެ. އެގޮތުން އަވަސް އޮންލައިން ވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
އެކަމާ ގުޅިގެން އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ މީޑިއާތަކުގައި ޝާއިއުކުރާ ލިޔުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިހުތިސާސް ލިބިގެންވަނީ އެ ކައުންސިލަށް ކަމަށާއި ނަމަވެސް މީޑިއާތަކާމެދު ފިޔަވަޅު އަޅާފައިވަނީ އެ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން އެކަމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެމްއެމްސީން ބުނީ ބައެއް ނޫސްތަކުގައި 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ހަބަރުތައް ގެނެސްފައިވާ ގޮތް އެ ކައުންސިލުން ބަލަމުން އަންނަ ކަމަށާއި ނަމަވެސް ޖެންޑާއިން ފިޔަވަޅު އަޅާފައިވަނީ އެ ކައުންސިލުން މައްސަލަ ބަލައި ވަކި ގޮތްތަކެއް ނުނިންމަނީސް ކަމަށެވެ.
"މި ކައުންސިލުން މި މައްސަލައިގައި އެސެސްމަންޓް ހަދައި، ވަކި ގޮތްތަކެއް ނުނިންމަނީސް އެކި ފަރާތްތަކުން މީޑިއާތަކާމެދު ފިޔަވަޅުއަޅައި އިންޒާރުގެ ލިޔުން ފޮނުވައި މީޑިއާތަކަށް ބިރުދެއްކުމުގެ އަމަލުތައް ނުހިންގުމަށް ގޮވާލަން،" ބަޔާނުގައިވެއެވެ.
ބަޔާނުގައި ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުން ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައި ވަނީ މި ކައުންސިލަށް ކަމަށެވެ.
އެހެންކަމުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާއާ ހިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ މި ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
"އެއީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި އިޖުރާއަތުން ބޭރުން އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކުން ކުރެވިދާނެ ކަމެއް ކަމުގައި މި ކައުންސިލުން ގަބޫލެއް ނުކުރަން. ހަމަ އެހެންމެ މިފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުންކަމުގައިވެސް މި ކައުންސިލުން ނުދެން. އަދި މިބީދައިން މީޑިއާތައް ޖޫރިމަނާކޮށް އަދަބުދިނުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލުކުރަމުންދަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެ ކަމެއް،" ބަޔާނުގައިވެއެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) މިއަދު ނެރުނު ބަޔާނުގައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ބާރު ލިބިގެން ކަމަށް ބުނެ ސީދާ ސަރުކާރުގެ ވުޒާރާއަކުން މީޑިއާތަކުން ރިޕޯޓްކުރާ ކޮންޓެންޓް ރެގިއުލޭޓްކޮށް، މީޑިއާތަކަށް ފިޔަވަޅު އަޅާ އިންޒާރުކޮށް ހެދުމަކީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި މީޑިއާ ރެގިއުލޭޓްކުރާނެ ގޮތާއި އެކަން ކުރާ މުއައްސަސާތައް ސާފުކޮށް ގާނޫނުގައި ބަޔާންކޮށްފައިވަނިކޮށް، އެފަދަ އެއްވެސް މުއައްއަސަސާއެއްގެ ބައިވެރިވުމެއް އަދި މަޝްވަރާ އެއް ވެސް ނެތި ސަރުކާރުގެ ފަރާތުން މީޑިއާތަކަށް އިންޒާރު ދީ ޖޫރިމަނާކުރުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
އެމްޖޭއޭއިން ބުނީ ޖެންޑާ މިނިސްޓްރީއިން ފިޔަވަޅު އެޅި މީޑިއާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ފިޔަވަޅު އެޅުމުގެ ކުރިން ޖަވާބުދާރީވުމުގެ އެއްވެސް ފުރުސަތެއް އަދި އެއްވެސް ޒާތެއްގެ މުއާމަލާތެއް ވެސް މިނިސްޓްރީއިން އެ މީޑިއާތަކާ އެކު ކޮށްފައެއްނުވާ ކަމަށެވެ.
"ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަ ނުކޮށް އަދި ތަހުގީގެއް ކުރުމަކާ ނުލާ، ޖަވާބުދާރީވުމުގެ ފުރުސަތެއްވެސް ދިނުމެއް ނެތި މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ މި ޖަމިއްޔާއިން ބަލައި ގަންނަ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ކަނޑައެޅިގެން ފުށުއަރާ، އަދި ދުނިޔޭގައި މިފަދަ މައްސަލަތަކުގައި އަމަލުކުރެވޭ ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާވެސް ހިލާފުވާ ކަމެއް ކަމުން މިކަމަކީ މިޖަމިއްޔާއިން ކަނޑައެޅިގެން ދެކޮޅު ހަދާ އަމަލުތަކެއް ކަން ފާހަގަކުރަން،" އެމްޖޭއޭއިން ބުންޏެވެ.
އެމްޖޭއޭއިން ބުނީ ނޫސްތަކުގައި ޝާއިއުކުރާ ހަބަރާއި އެހެނިހެން މައުލޫމާތާ ގުޅޭ އެތިކަލް މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ޖެހޭނީ ގާނޫނުން ސާފު ސީދާކޮށް އެކަން މަތިކޮށްފައިވާ ނޫސްވެރިކަން ރެގިއުލޭޓްކުރާ އިދާރާތަކަށް ކަމަށެވެ. ސަރުކާރާއި ދައުލަތުގެ އެ ނޫން ފަރާތްތަކުން މީޑިއާތަކާ މެދު ފިޔަވަޅު އަޅައި އިންޒާރުދީ ހެދުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އަދި ސަރުކާރުގެ ސިޔާސީ ނުފޫޒާއެކު އަދި ސަރުކާރުގެ ފަރާތުން މީޑިއާތައް ރެގިއުލޭޓްކުރަން އުޅުމުގެ ހިތި ތަޖުރިބާ މީގެ ކުރިން ރާއްޖޭގެ ނޫސްވެރިން ކޮށްފައިވާއިރު، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުކުރާ މިންވަރު ނުހަނު ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
ސަރުކާރުގެ ފަރާތުން މިމައްސަލާގައި އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންގޮސް، މީޑިއާތައް ރެގިއުލޭޓްކުރުމުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ސީދާކޮށް އަދި ނުސީދާކޮށް ނަމަވެސް، ނުފޫޒު ފޯރުވުން ހުއްޓާލުމަށް އެމްޖޭއޭއިން ވަނީ ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު