ރޭ ޕޯޗުގަލްއިން ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އޭނާ ގައުމީ ޖާޒީގައި ޖެހި ގޯލްގެ އަދަދު ވަނީ 109 އަށް އަރައިފައެވެ. އެއީ ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއާ ހަމަހަމަ އަދަދެކެވެ. އެ ރެކޯޑުގައި ކުރިންވެސް އޮތް އީރާންގެ އަލީ ދާއީ ޖަހާފައި ވަނީވެސް 109 ގޯލެވެ. އެ ރެކޯޑާ ރޮނާލްޑޯ ހަމަކުރުމާއެކު އަލީ ދާއީ ވަނީ ރޮނާލްޑޯއަށް އިހުތިރާމުކޮށް މަރުހަބާ ކިޔުމަށް ހާއްސަ މެސެޖެއް މީސް މީޑިއާއަށް ދޫކޮށްލައިފައެވެ.
"ރޮނާލްޑޯއަށް މަރުހަބާ. ރޮނާލްޑޯ މިހާރު އެންމެ ގޯލަކާއެކު ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާއަށް ވާނެ. އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް މި ރެކޯޑު ރޮނާލްޑޯއާއެކު ހިއްސާ ކުރެވުމަކީ. ރޮނާލްޑޯއަކީ ފުޓުބޯޅައިގެ ޗެމްޕިއަނެއް. އަދި އެހެން މީހުންނަށް އަޅާލައި، އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދިން ނަމޫނާއެއް،" އަލީ ދާއީ ބުނެފައިވެއެވެ.
ރޮނާލްޑޯއަކީ ޔޫރޯގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭނާ މިފަހަރުގެ ޔޫރޯގައި މިހާތަނަށް ފަސް ގޯލް ޖަހާފައިވާއިރު، ރޮނާލްޑޯ ވަނީ މިހާތަނަށް ޔޫރޯގައި 14 ގޯލް ހަމަކޮށްފައެވެ. އެންމެ ގާތުން ވާދަކުރާ މިޝޭލް ޕްލެޓިނީއަށް ޖެހިފައި ވަނީ ނުވަ ގޯލެވެ. އޭގެ ފަހަތުން ތިންވަނައިގައި އޮތީ އެލެން ޝިއެރާއެވެ. އެއީ ހަތް ގޯލް ޖަހައިގެންނެވެ. އެކްޓިވް ކުޅުންތެރިންނަށް ބަލާއިރު ރޮނާލްޑޯއާ އެންމެ ގާތުން އުޅެނީ ފްރާންސްގެ އެންޓޮއިން ގްރީޒްމަންއެވެ. އޭނާވެސް ވަނީ ޔޫރޯގައި ހަތް ގޯލް ޖަހާފައެވެ.
ރޮނާލްޑޯ އާއި އަލީ ދާއީ ރެކޯޑުގެ ގޮތުން ހަމަހަމަވެފައި އޮތްއިރު، އަލީ ދާއީ އަކީ ކުރީން ބަޔާން މިއުނިކާއި ހާތާ ބާލިންއަށް ކުޅުނު ފޯވަޑެކެވެ. އޭނާ މިހާރު ބޮޑަށް ފާހަގަކޮށްލެވެނީ ފުޓުބޯޅަ މެނޭޖުމަންޓާއި އެކިއެކި ވިޔަފާރިތަކުގެ ތެރެއިންނެވެ. އަދި 2019 ވަނަ އަހަރާ ހަމައަށް އެކިއެކި ޓީމުތަކަށް ކޯޗުކަން ކޮށްދީފައިވެ އެވެ.
އަލީ ދާއީ ގައުމީ ޓީމަށް 109 ގޯލް ޖަހައިދިނީ 149 މެޗުންނެވެ. ރޮނާލްޑޯ އެ އަދަދު ހަމަކުރީ 177 މެޗުންނެވެ. އެ ދެކުޅުންތެރިންނާ އެންމެ ގާތުން ވާދަކުރަނީ މެލޭޝިއާގެ މޮހްތާރު ދަހާރީއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 89 ގޯލް ޖަހައިދީފައެވެ. ލިސްޓްގެ ހަތަރު ވަނައިގައި ގައުމީ ޓީމަށް 85 މެޗުން 84 ގޯލް ޖަހައިދީފައިވާ ފްރޭކް ޕުސްކާސް އޮތްއިރު، ދެން ފަސް ވަނައިގައި އޮތީ 79 ގޯލާއެކު ޒަމްބިއާގެ ގޮޑްފްރޭ ޗިޓާލޫއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު