މިދިޔަ މަހުގެ ހަ ވަނަ ދުވަހު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެއްވި އޭޑީކޭ ހޮސްޕިޓަލުންގެ ޓީމު، ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
ރައީސް ނަޝީދަށް ދެމުންދިޔަ ސެކިއުރިޓީ ފޫދިޔަ ގޮތުގެ ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ނިންމާފައިވާއިރު އެ މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީންނެވެ.
އެކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އިންކުއަރީއަށް ހާޒިރުކުރަން ބޭނުންވާ ވަކިވަކި ފަރުދުންނާއި އިދާރާތައް ގާތްގަނޑަކަށް ހާޒިރުކޮށް ނިމިފައިވާ ކަމަށެވެ. އަދި ދެން ކުރިއަށް އޮތީ އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުގެ ފަރާތުން މައުލޫމާތު އެއްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމަލާ ދިނުމާ އެކު ރައީސް ނަޝީދަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމާއި ބައްދަލުކުރަން ކޮމެޓީން ވަނީ ނިންމާފަ އަދި އެ ހަސްފަތާލުގައި ވަނީ އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެވޭނެ ބޭފުޅުންގެ ނަންތައް އަންގައި ދެއްވުމަށް ދަންނަވާފަ،" އަސްލަމް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ފަރުވާ ދެއްވި ޑޮކްޓަރުންގެ ޓީމާ ބައްދަލު ކުރަނީ ކަމެއްގެ ތުހުމަތުގައި ނޫންކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، އެ ފަރާތްތަކުން ގޯހުން އެއްވެސް ކަމެއް ކޮށްފައިވާކަން ފާހަގަ ވެފައި ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދަށް އޭޑީކޭއިން ވަރަށް އަވަހަށް އެޓެންޑް ވެ ހިކުމަތްތެރިކަމާ އެކު ފުރިހަމަ ފަރުވާއެއް ދީފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މައުލޫމާތުތަކެއް ހަމަ ހޯދައިލަން ބޭނުންވަނީ ރިޕޯޓް ފުރިހަމަ ކުރުމަށް ބޭނުންވާ،" އަސްލަމް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތް ކުރެއްވުމަށް އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން ކުރެއްވި ހިކުމަތްތެރި މަސައްކަތްތަކުގެ މައުލޫމާތު މިހާތަނަށް ލިބިފައިވަނީ މީޑިއާތައް މެދުވެރިކޮށް ކަމަށް ވުމުން އެވާހަކަތައް އެ ޑޮކްޓަރުންގެ ފަރާތުން ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ