މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27) ގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތެވެ.
ކުޑަކުއްޖެއްގެ މަސްލަހަތު އޮތުމާއި ޖިންސީ ގޯނާ ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ވުމުން ޒިހާނުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.
ނަމަވެސް ކޯޓު އަމުރުގެ ބައެއް ބައިތައް އާންމުކޮށްފައިވާއިރު، ބޮޑެތި ކުށް ކަމަށް ކަނޑައަޅާފައިވާ ހަތަރު ކުށެއްގެ ތުހުމަތު ޒިހާނުގެ މައްޗަށް ކުރާއިރު އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މުއްދަތު މަޖިލީހުގައި އިންނެވި ގާޒީ މުހައްމަދު މިސްބާހު އަމަރު ކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެކަށީގެން ވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.
އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އިއްޔެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައެވެ. އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިިރިހެނެކެވެ. 17 އަހަރުގެ ކުއްޖާގެ ބަންދަށް ވަނީ 15 ދުވަސް އިތުރު ކޮށްދީފަ އެވެ.
އެ ކުއްޖާގެ ހަށިގަނޑު ފެނުނު މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި މީހަކަށް ބަލައިލަން ކެތް ނުވާ ވަރަށް ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުއްޓެވެ. ކަރުގައި ވަށް އެއްޗެއް ބައްދާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ބެލެވޭ ގޮތުގައި އެ ކުއްޖާ މަރާލީ ކަރުގައި އެއްޗެއް ބައްދައި ނޭވާ ހާސްކޮށްގެނެވެ.
މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގުމާއި ގޭންގުތަކާ ގުޅުމެއް އޮތް ކަމަށް ގަބޫލު ކުރެވެ އެވެ. އެ ގޮތުން މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގޭންގާ ގުޅުން ހުރި ދެމީހަކު ކަމަށް ވެސް ބުންޏެވެ.
އެ ކުއްޖާގެ މަރާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އިއްޔެ ބޭއްވި ޕްރެސްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އެ ކުއްޖާ މަރާލި މައްސަލަ ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް މިހާރުވެސް ހޯދިފައިވާ ކަމަށް ބަޝީރު ވިދާޅުވިއެވެ.
ތަހުގީގާ ގުޅޭ އިތުރު މައުލޫމާތުތައް ދެއްވަމުން ޗީފް އިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ވަނުން މަނާކޮށްފައިވާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ދީފައިވާ ކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބުނު ކަމަށެވެ. އަދި ފުލުހުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ މަރާގުޅޭ ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު