އއ. އުކުޅަހުގެ މޮނީޓަރިންގެ ހާލަތު އުވާލައި ރަށް އާންމު ހާލަތަށް ގެނެސްފިއެވެ.

ޕޮޒިޓިވް ކޭސްތަކަކާ ގުޅިގެން އުކުޅަސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.

އުކުޅަހު ސިއްހީ މަރުކަޒުގެ މެނޭޖަރު އަބްދުﷲ ސައީދު "ވަން" އަށް މިއަދު ވިދާޅުވީ އެރަށުން ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ރޭގެ ވަގުތެއްގައި އެރަށް މޮނީޓަރިންގެ ހާލަތުން ނަގައި، އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެރަށުން މިހާރު ރޯގާގެ އަލާމާތެއް ހުރި އެކަކުވެސް ނެތް ކަމަށާއި ރޯގާގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް މީހަކު ނުދައްކާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. ރަށް މުޅީންހެން އާންމު ހާލަތަށް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.

އެރަށުން މުޅި ޖުމުލަ 178 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި 690 އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގައިފައެވެ. ނަމަވެސް މިވަގުތު ޕޮޒިޓިވް މީހަކު އެރަށުގައި ނެތް ކަމަށް އަބްދުﷲ ސައީދު ވިދާޅުވިއެވެ.

އުކުޅަސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޯގާގެ އަލާމާތްތައް ހުރެގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.