ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭގައި ނެތި ޝަރީއަތް ކުރިއަށް ގެންދަން ކުރިމިނަލް ކޯޓުން ނިންމުމުން އެ ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފިއެވެ.
ގިނަ އަދަދެއްގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އިއްޔެ ކުރިމިނަލް ކޯޓުގައި ވަނީ ބާއްވައިފައެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ އަޑުއެހުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަލީ ވަހީދު ބައިވެރިވެފައި ވަނީ ކޮން ތަނެއްކަން ނޭނގޭ ތަނެއްގައި ހުރެގެން ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެން ކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒުކުރި ކަމަށްވެސް ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނީ، ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމަކަށް ނުވާތީ އެގޮތަށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެކަމަކީ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލުގެ ލަފާގެ މަތިން ގޮތެއް ކަނޑައަޅާފައިވާ ކަމަކަށްވާތީ އެކަމަށް ބަހުސް ނުކުރެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވި ކަމަށްވެސް ބުނެފައިވެއެވެ.
ޝަރީއަތުން ނިންމާ ނިންމުންތައް މައްސަލައާ ގުޅޭ ދެފަރާތާ ހިއްސާކުރަންޖެހޭނެކަމަށް ބުނެފައިވީނަމަވެސް އެ ނިންމުން ދައުލަތާ ހިއްސާކޮށްފައިނުވާކަން ޕީޖީ އޮފީހުން ވަނީ ފާހަގަ ކޯށްފައެވެ. އަދި ގާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި އަދި އެކަމާބެހޭގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމާފައި އޮތް ކަމެއްގައި، އެނޫން ގޮތަކަށް ލަފާ ދެއްވުމަކީ އިސްގާޒީ އަށް ކުރެވޭނެ ކަމެއްނޫންކަމަށް ފެންނާތީ އިސްގާޒީގެ ލަފާ ލިއުމުން ހިއްސާކޮށްދިނުމަށް އެދިވފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އަލީ ވަހީދުގެ ޝަރިއަތް ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ހަސަން ސައީދު ނިންމެވުމާއެކު ނުވައެއް ފެބްރުއަރީގައި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބޭއްވި ކަމަށެވެ.
އެ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދިން 10 ދުވަހުގެ މުއްދަތުގައި ދައުލަތުން ހުރިހާ ހުށަހެޅުމެއް ހުށަހެޅި ނަމަވެސް، އިއްޔެގެ އަޑުއެހުމާ ހަމަައަށް އަލީ ވަހީދުގެ ފަރާތުން އެެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ މުއްދަތު ފާއިތުވުމަށްފަހު އެކަމަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ޝަރިއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 117 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިރު، އަދި އަލީ ވަހީދަށް އިތުރު ފުރުސަތު ދިނުމަށް ދައުލަތުން އިއުތިރާޒު ކޮށްފައި ވަނިކޮށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް އަލީ ވަހީދަށް ދިނުމަށް މައްސަލަ ބައްލަވާ ގާޒީ ނިންމެވި ކަމަށްވެސް ބުނެފައިވެއެވެ.
އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ގުޅިގެން ގާޒީ ހަސަން ސައީދު ނިންމެވި ބައެއް ނިންމެވުންތައް ލިއުމުން ހިއްސާ ކޮށްދިނުމަށް އެދުނު ނަމަވެސް އެ ލިޔުންތައް ދީފައިނުވާ ކަމަށާއި އޭގެ ތެރޭގައި އަލީ ވަހީދު ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހެޅި ކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތަކާއި، ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ހުއްދައަށް އެދި ހުށަހެޅިކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތައް ހިމެނޭކަމަށްވެސް ބުނެފައިވެއެވެ.
ޕީޖީން ބުނީ ކޮވިޑުގެ ހާލަތާ ގުޅިގެން ޝަރީއަތާ ގުޅޭ ހާއްސަ އިޖުރާއަތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުން ހުއްދަކުރާ އޮންނަނީ 12 ހާލަތެއް ކަމަށެވެ. އަލީ ވަހީދުގެ ހާލަތު އެއިން އެއްވެސް ހާލަތަކަށް ނުފެތޭ ކަމަށްވެސް ބުނެފައިވެއެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމީ އެއީ އެގޮތަށް ހިންގޭނެ ޝަރީއަތެއް ކަަމަށް ދައުލަތުން ނުދެކޭތީ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު