ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު ފަރާތްތަކާއެކު ހަދާ އެއްބަސްވުމުގައި ހިމެނޭ ކަންބޮޑުވުންތައް ހުށަހެޅުމުން އޭގެ ތެރެއިން ބަދަލު ގެނެވެން ހުރި ކަންބޮޑުވުންތަކަށް ބަދަލު ގެންނާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީގެ އޮފިޝަލް އަލީ މަޝާލް "ވަން" އަށް ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގެ ޑްރާފްޓް އެ ކުންފުނީގެ ވެބްސައިޓުގައި އިއްޔެ އާއްމު ކުރީ، ފްލެޓު ލިބޭ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ އެއްބަސްވުމުގައިވާ ކަންތައްތައް ބަލައި އޭގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
"6،000 އަށްވުރެ ގިނަ މީހުން އެއީ. އެހެންކަމުން އެމީހުންނަށް ވަކި ވަކިން ޑުރާފްޓު ފޮނުވުމަކީވެސް ބޮޑު ކަމަކަށްވާނީ. އަދި އެޗްޑީސީއަށް އައިސް އެ މީހުން އެގްރީމެންޓުތަކުގައި ސޮއިކުރާ އިރު، ސީދާ މިތަނުން އެގްރީމެންޓް ދީފިނަމަ އެ ކިޔުމަށް ގިނަ ވަގުތުތަކެއްދާނެ. ނަމަވެސް އެއްބަސްވުން އާއްމު ކުރީމަ އެއްބަސްވުން ކިޔާލައިގެން މިތަނަށް އައިމަ ސޮއި ކުރުމަށް ގިނަ ވަގުތު ހޭދަކުރަން ނުޖެހި ފަސޭހަކަމާއެކު އެކަން ކޮށްލެވޭނެ،" މަޝާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ ޑުރާފްޓުގައި ކަންބޮޑުވުންތަކެއް ހުރި ނަމަ އެޗްޑީސީއަށް އެކަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވާ ކަންތައްތަކެއް ހުރެ، އެއީ ބަދަލު ކުރަންޖެހޭ ކަންތައްތަކެއް ނަަމަ އެކަންތައްތައް ބަދަލު ކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މަޝާލް އިތުރަށް ވިދާޅުވީ، ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައި އޮތީ އަންނަ ޖުލައި މަހުގެ 14 ގައި ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބަލައި އަދި އެކަން ކުރިއަށް ގެންދާނެ ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް ވިދާޅުވިއެވެ.
ހިޔާ ފްލެޓުގެ އެއްްބަސްވުމުގައިވާ ބައެއް ކަންތަކަށް ބަލައިލާ އިރު، ފުލެޓު ގަންނަ ފަރާތުގެ ނުވަތަ ފުލެޓުގައި ދިރިއުޅޭ ފަރާތެއްގެ އިހުމާލަކުން، ފުލެޓުގައި ގާއިމުކޮށްފައިވާ އޮޕްޓިކަލް ނެޓްވޯކް ޓާމިނަލް އިކުއިޕްމަންޓަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ފުލެޓު ގަންނަ ފަރާތުން އެކަމުގެ ޒިންމާ ނަގައި، އަދި އެ އިކުއިޕްމަންޓުގެ އަގުގެ ގޮތުގައި 2500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އެއްބަސްވުމުގައިވާ ގޮތުން ފުލެޓުގެ އެތެރެއަށް ވައްދާފައިވާ ފައިބަރު ނުވަތަ ކަނެކްޓިވިޓީއަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 800 ރުފިޔާ އާއި 3500 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހޭނެއެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އަލުން އަނބުރާ އެ އިކުއިޕްމަންޓު ބޭނުން ކޮށްގެން މުވާސަލާތީ ހިދުމަތެއް ދެވޭނީ އެ ފައިސާ ދެއްކުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު