ޚަބަރު

ނަފުރަތުގެ ބިލަކީ ދީނާ ހިލާފު ބިލެއްކަމަށް ދެއްކުން ހުއްޓާލަން ޖެހޭ: އެމްޑީޕީ

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލަކީ ދީނާ ހިލާފު ބިލެއްކަމަށް ރައްޔިތުންނަށް ވިސްނަދޭން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ހުއްޓާލަން ޖެހޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅާފައި ވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން، މުސްލިމުންގެ ބޮލުގައި ދީނާ ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި، މުޖުތަމައުގައި ވަކިވަކި ފަރުދުންނާ މެދު ނަފްރަތު އުފެއްދުން ހުއްޓުވުމަށް ކަމަށެވެ. އަދި ދީން ހަތިޔާރަކަށް ހަދައި މީހުން މަރައި، ގެއްލުވާލުމުގެ ހާދިސާތަކެއް ރާއްޖޭގައި ހިނގާފައިވާތީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައި ކަމަށްވެސް ބުންޏެވެ.

އެމްޑީޕީން ބުނީ މި ބިލު ފާސްކުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީން ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ނަފްސު ރައްކާތެރިކުރުމާއި ދިރިހުރުމުގެ ހައްގު ކަށަވަރުކުރުމަށް ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

"ނަމަވެސް މި ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިސާބުން ފެށިގެން މި ބިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ޝުއޫރުތަކެއް އުފައްދައި، މި ބިލަކީ ދީނާ ހިލާފު ބިލެއްކަމަށް ރައްޔިތުންނަށް ވިސްނަދޭން ބަޔަކު މީހުން ކުރަމުން ގެންދާ ނުރައްކާތެރި މަސައްކަތް މި ޕާޓީން ހަރުއަޑުން ކުށްވެރިކުރަން،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ މި ބިލަށް ތާއިދުކޮށް ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުންދާއިރު، މި ބިލާ ދެކޮޅަށް ޕެޓިޝަނެއް ހަދައި، އެ ޕެޓިޝަނަށް ނެތް ތާއީދެއް އޮތްކަމަށް ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރާކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެމްޑީޕީން ބުނީ މި ބިލު ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ދީނާ ގުޅުވައިގެން މުޖުތަމައުގައި ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް އައުން ކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް އަމިއްލަ ނަފްސުގެ ރައްކާތެރިކަން އޮތް ތަނެއްގެ ގޮތުގައި މި ގައުމު ބިނާކުރުމަކީ އެންމެ އިސް އެއް އަމާޒު ކަމަށްވެސް ބުންޏެވެ.

ހިޔާލު ތަފާތުވެފައިވާ ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ފަށާފައެވެ.

ކޮމެޓީން ބިލް ފާސް ކުރުމުގެ ކުރިން އާންމުންނާއި ތިން މުއައްސަސާގެ ކޮމެންޓެއް ހޯދުމަށް ވަނީ ނިންމައިފައެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހެވެ. އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އެ ތިން މުއައްސަސާއިން ބިލާ ގުޅޭ ގޮތުން ދެކޭ ގޮތް ކޮމެޓީއަށް ފޮނުވުމަށް ވަނީ އަންގައިފައެވެ.

އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އެ ބިލްގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އަދި އެ އިސްލާހު ކޮމިޓީ މަރުހަލާގައި އުނި ކުރުމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.