ހުއްދަ އޮވެގެން ނޫނީ ރުގްޔާ ނުކުރެވޭ ގޮތަށް ހެދުމަށް ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އިސްލާމިކް މިނިސްޓްރީއާއެކުގައި މަޝްވަރާކޮށްފި އެވެ.
އެޗްއާރްސީއެމްގެ މެންބަރު އައިމިނަތު ޝިފާތު އަބްދުއްރައްޒާގު "ވަން" އަށް ވިދާޅުވީ، އެޗްއާރްސީއެމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ރުގްޔާގެ ނަމުގައި ނުވަތަ ދީނީ ގޮތުން ފަރުވާ ދިނުމުގެ ނަމުގައި ބަޔަކު ނާޖާއިޒް ގޮތުގައި އަންހެނުންނަށާއި ކުޑަކުދިންނަށް ގެއްލުންދޭ މައްސަލަތައް ހިމެނޭ ކަމަށެވެ.
"ދެން އޭގެ އިތުރަށްވެސް އެބައުޅޭ އިނގޭތޯ އިޖުތިމާއީ އެހެނިހެން މައްސަލަތައްވެސް. މިސާލަކަށް ސަހަރާ ކޮނުންފަދަ، ކޮނެގެން އެެއްޗެހި ވަޅުވުމާ އެކަހަލަ ކަންކަންވެސް،" ޝިފާތު ވިދާޅުވިއެވެ.
ޝިފާތު އިތުރަށް ވިދާޅުވީ، ރުގްޔާގެ ނަމުގައި ނާޖާއިޒް ފައިދާ ހޯދާ މީހުން އުޅޭކަން މިނިސްޓްރީއާއެކުގައި ބޭއްވި ބައްދަލުވުމުގައި ފާހަގަކުރެވުނު ކަމަށާއި، އެހެންވެ، އެކަމަށް އޮތް ހައްލަކީ ކޮބާކަމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
"އެގޮތުން ހައްލެއް ލިބިދާނެ އެއް ކަންތަކުގެ ގޮތުގައި އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ރެގިއުލޭޓް ކުރެވިގެން ހަމައެކަނި ހުއްދަ އޮތް ފަރާތްތަކަށް އެކަނި ކުރެވޭކަމެއްގެ ގޮތުގައި ރެގިއުލޭޓް ކުރެވިގެން މިކަން ކުރެއްވިއްޖެ ކަމަށްވަންޏާ ނާޖާއިޒު ފައިދާ ނަގާ ފަރާތްތައް މަދުކުރެވިދާނެކަމަށް" ޝިފާތު ވިދާޅުވިއެވެ.
އެޗްއާރްސީއެމުން، އިސްލާމިކް މިނިސްޓްރީއާއެކުގައި ބޭއްވި ބައްދަލުވުމުގައި ބައެއް އެހެން ކަންތައްތަކާ ގުޅޭ މަޝްވަރާތައްވެސް ކުރެވުން ކަމަށް ޝިފާތު ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
ހުއްދަ އޮވެގެން ނޫނީ ރުގްޔާ ނުކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނައިރު، ރުގްޔާގެ ނަމުގައި މީހުންނަށް އަނިޔާ ދީ، ޖިންސީ ގޯނާކުރާ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. އެފަދަ މައްސަލަތަކުގައި އެތައް ބަޔަކު ހައްޔަރުކޮށްފައިވެސް ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު